ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގެ ފުރަތަމަ ބުރުގައި ރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރާ ފުރަތަމަ މެޗަށް ރާއްޖެއިން ތައްޔާރުވުމުގައި އެންމެ ބޮޑަށް ބަރޯސާވާން ޖެހުނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ތައްޔާރީތަކަށް ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒައިން ބުނެފިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝާއި ރާއްޖެ ކުޅޭ ދެ މެޗުވެސް އޮންނާނީ މިމަހުއެވެ. ދެ ލެގުގެ ފުރަތަމަ މެޗު މާދަމާ ހަވީރު 4:00 ގައި ރާއްޖޭގައި އޮންނަ އިރު، ދެވަނަ ލެގު އޮންނާނީ މިމަހު 17 ވަނަ ދުވަހު ބަންގްލަދޭޝްގެ ސިލްހެޓްގައެވެ.

މާދަމާ މެޗުގެ ކުރިން މިހާރު ގައުމީ ކޯޗު ސުޒައިން ބުނީ މާޒިޔާއިން އޭއެފްސީ ކަޕް މެޗުތަކަށްވެފައި ތައްޔާރީތަކަށް ގައުމީ ޓީމުން ވަރަށް ބޮޑަށް ބަރޯސާވި ކަމަށެވެ.

"މާޒިޔާއަށް ވަރަށް ބޮޑަށް ބަރޯސާވެފައި މިއޮންނަނީ. މާޒިޔާގެ އޭއެފްސީ ކަޕް ތަމްރީނުތަކަށް ޓީމުން ވަރަށް ބޮޑަށް ބަރޯސާވޭ. އެއީ މި ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑުގައި މާޒިޔާގެ 15 ކުޅުންތެރިން ހިމެނޭތީ. މި ކުޅުންތެރިންނާ ދޭތެރޭ އިތުބާރު އެބައޮތް. މި ކުޅުންތެރިންނާއެކު މަސައްކަތް ކުރާތާ 15 އަހަރުވީ،" ކުރިން ގައުމީ ޓީމުގައި ހުރި ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އެސިސްޓެންޓްގެ މަގާމުގައި ހުރި ތަޖުރިބާކާރު ކޯޗު ސުޒައިން ބުންޏެވެ.

މާލޭގައި އެންމެ ފަހުން ކުޅުނު ދެ މެޗުތަކުން ރާއްޖޭން ވަނީ ބަންގްލަދޭޝް ބަލިކޮށްފައެވެ. އެގޮތުން، 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ސުޒައިންގެ ކޯޗުކަމުގައި ބަންގްލަދޭޝް އަތުން ރާއްޖެ ވަނީ 2-0 އިން މޮޅުވެފައެވެ. އަދި މިދިޔަ އަހަރުގެ މާޗް މަހު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ މޮޅުވީ ވެސް 2-0 އިންނެވެ. އެ މެޗުގައި ރާއްޖޭގެ ކޯޗަކަށް ހުރީ މޮރިއޭރޯއެވެ.

ރާއްޖެއިން ބޭރުގައި މިފަހަކަށް އައިސް ބަންގްލަދޭޝްއިން ވަނީ ރާއްޖެ ކައިރިން މޮޅުތަކެއް ހޯދައިފައެވެ. އެގޮތުން، މިދިޔަ ޖޫން މަހު އިންޑިއާގައި ކުޅުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް އިން ވަނީ 3-1 އިން ރާއްޖެ ބަލިކޮށްފައެވެ. އޭގެކުރިން، 2021 ވަނަ އަހަރު ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ވެސް ބަންގްލަދޭޝްއިން ވަނީ ރާއްޖެ ބަލިކޮށްފައެވެ. އެފަހަރު އެޓީމު މޮޅުވީ 2-1 އިންނެވެ.

ދަނޑުގައި މިއަދު ބޭއްވި ޕްރެސްގައި ސުޒައިން ބުނީ މާޒިޔާ ތައްޔާރުވެފައި ވަނީ އިތުބާރު ހުރި ކޯޗަކާއެކުގައި ކަމަށާއި އެކަން ކުޅުންތެރިން ފަރާތުން ގައުމީ ޓީމުގެ ތަމްރީނުތަކުގައިވެސް ފެނުނު ކަމަށެވެ.

"މާޒިޔާގެ އޭއެފްސީ ކަޕް ތައްޔާރީތަކަކީ ގައުމީ ޓީމަށް ފައިދާއެއް. އެ ތައްޔާރީތައް ރަނގަޅުކަން އެނގުނު ބަޝުންދަރާއާ ދެކޮޅަށް ރާއްޖޭގައި ކުޅުނު މެޗުގެ ނަތީޖާ އާއި ހުރިހާ އެއްޗަކަށް ބަލާއިރުވެސް. ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނު ގައުމީ ޓީމުގެ ތަމްރީނުތަކަކާއެކުގައި. ފާހަގަކޮށްލަން ޖެހޭ މާޒިޔާއިން ތައްޔާރުވީ މި ފަހަކަށް އައިސް އައި އެންމެ ރަނގަޅު ކޯޗާ އެކުގައި. އެ ކޯޗާއެކު ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅުވެއްޖެ،" ސުޒައިން އިތުރަށް ބުންޏެވެ.

ސުޒައިން ބުނީ ހާލަތުގެ ވާހަކަ މާ ބޮޑަށް ދައްކަން ބޭނުން ނޫން ކަމަށާއި ނުވެ ހުރި ކަންކަމާ ގުޅޭ ގޮތުން ވާހަކަ ނުދައްކައި ވާންހުރި ކަންކަމަށް ފޯކަސް ކުރަން ވިސްނާ ކަމަށެވެ.

"ދިވެހި ކޯޗަކަށް އުނދަގޫ ހާލަތެއް މިއައީ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ދިވެހި ކޯޗުންނަކީ އުނދަގޫ ހާލަތުގައި ނަތީޖާ ނެރެން، ބެސްޓް ނެރެން ރަނގަޅު ކޯޗުންތަކެކޭ. އަބަދުވެސް ދިވެހި ކޯޗުން ފެންނާނީ ސަވައިވަލްއަށް ޝަކުވާތަކަކާއެކު މަސައްކަތް ކުރާތަން. އެހެން ނަމަވެސް، މިހާރު އޮތް ހާލަތުގައި އެއްވެސް ޝަކުވާއެއް ނެތް. ބަންގްލަދޭޝް ކައިރިން ރަނގަޅު ނަތީޖާއެއް ނެރުމަށް އުންމީދު އެބައޮތް،" ކުރިން ރާއްޖޭގެ ކްލަބުތަކާއެކު ކާމިޔާބީ ހޯދި އެންމެ ކާމިޔާބު އެއް ދިވެހި ކޯޗު ސުޒައިން ބުންޏެވެ.

ސުޒައިން ބުނީ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަށް ނުކުތް އިރު، ގައުމީ ޓީމު އޮތީ ވަރަށް ބޮޑަށް ޕެނިކްވެ، ހާސްވެފައި ކަމަށެވެ. ސުޒައިން ބުނީ ގައުމީ ޓީމަށް ތައްޔާރުވާން ލިބުނު ވަގުތަކީ "މެކްސިމަން" ވަގުތު ކަމަށާއި ގައުމީ ޓީމުގެ ތަމްރީނުތަކަށް ވަގުތު ނުލިބުމަކީ ވަކި ބަޔަކު އިހުމާލުން ނޫން ކަމަށެވެ. އެއީ އޭއެފްސީގެ ކްލަބު ކަލަންޑަރު އޮތް ގޮތުން ކަމަށެވެ.

މިއަދުގެ ޕްރެސްގައި ސުޒޭން ބުނީ ރާއްޖޭގެ ސީޒަން ލީގުގެ ކުޅުން އެކިއެކި ކަންކަމާ ހެދި މެދުކެނޑިގެން ގޮސްފައިވާކަން ގަބޫލުކުރާ ކަމަށާއި ތައްޔާރުވުމުގައި ފައިދާ ނަގަން ޖެހޭ ގޮތަށް އެންމެ އެކަށީގެންވާ ގޮތެއްގައި ފައިދާ ނެގިފައި ނެތް ނަމަވެސް، އެ ވާހަކަތައް ދޫކޮށް ނުކުންނާނީ ހާލަތުން ނަތީޖާ ނެރުމަށް ކަމަށެވެ. ސުޒޭން ވަނީ މިވަގުތު ކޯޗެއްގައި ހައިސިއްޔަތުން ކުރަން ޖެހޭ ކޮންމެ ކަމެއްވެސް ކުރާނެ ކަމަށާއި ކޮންމެ ނަތީޖާއެއްގެ ޒިންމާވެސް ނަގާނެ ކަމަށް ބުނެފައެވެ.