މުހައްމަދު ޝަމްއޫން، ބަންގްލަދޭޝް - ޑާކާ

މިފަހަރު ސާފް ޗެމްޕިއަންޝިޕަށް ސްކޮޑު ނެގިއިރު، އިތުރު ތަޖުރިބާކާރު ބައެއް ކުޅުންތެރިން ނަގަން ބޭނުންވި ކަމަށާއި، އެކަން ނުވީ އެއް ކުޅުންތެރިޔަކު މެސެޖަށް ޖަވާބު ނުދިނުމުން އަދި އަނެއް ކުޅުންތެރިޔަކު އާއިލާއާއެކު ދަތުރެއް ރާވާފައި އޮތުމުން ކަމަށް ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން ކައިރިން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. ޕާކިސްތާނުން އެ މެޗުން ހޯދި މޮޅާއެކު ސެމީ ފައިނަލް ޔަގީންކުރީ ދެމެޗުން ތިން ޕޮއިންޓް، އަދި ފައިދާ ދެ ގޯލާއެކުގައެވެ. އިންޑިއާއާއި ރާއްޖެ މާދަމާ ގްރޫޕްގެ ފަހު މެޗުގައި ކުޅޭ އިރު، އިންޑިއާ ފުރަތަމަ ކުޅުނު މެޗުން ޕާކިސްތާން ކައިރިން މޮޅުވީ 3-2 އިންނެވެ. އެހެންކަމުން ރާއްޖެއަށް އިންޑިއާ ކަޓުވާލެވެން އޮތީ ހަތަރު ގޯލްގެ ފަރަގަކުން މޮޅުވެގެންނެވެ.

އެމެޗުގެ ކުރިން ބޭއްވި ޕްރެކްޓިސްއަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އުރުބާނީ ބުނީ ސާފްގެ ތަންކޮޅެއް ކުރިން ވިސްނުން ހުރީ ޒުވާން ކުޅުންތެރިންތައް ގިނަކޮށް މުބަރާތަށް އަންނަން ނަމަވެސް، ފަހުން ތަޖުރިބާކާރު ކުޅުންތެރިން ގެންވެސް ވިސްނި ކަމަށެވެ. އަދި އެކަމަށް މަސައްކަތްކޮށް، ބައެއް ކުޅުންތެރިން ޓީމާ ގުޅިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ބޭނުންވި އިތުރު ތަޖުރިބާކާރު ކުޅުންތެރިން މުބާރާތަށް ގެންނަން. (ލީގުގައި) އެންމެ ގިނަ ގޯލް ޖެހި އެއް ކުޅުންތެރިޔާ އަހަރެންގެ މެސެޖަކަށް ޖަވާބެއް ނުދިން. އަހަންނަށް އޭނާއާ ކޮންޓެކްޓެއް ނުވި. އިތުރު އެހެން ތަޖުރިބާކާރު ކުޅުންތެރިއެއް އޮތީ އާއިލާއާއެކު ޗުއްޓީއަށް ތައިލެއްޑަށް ދާން ޓިކެޓް ނަގާފައި. އޭނާ ބުނީ ކަންދިމާކުރި ގޮތުން ދެވޭކަށް ނެތޭ. އެއީ ކުރިން އަހަރެން ރާއްޖޭގައި ހުރިއިރު، ވެފައި އޮތް ކަމެއް ނޫން. ގައުމީ ޓީމު ތަމްސީލުކުރުމަކީ ޝަރަފެއް. އެކަމަކު މިހާރު މިއީ މުޅިން އެހެން ވާހަކައެއް. އެކަމަކު އަހަރެން ޔަގީންކަންދެން މިހާރު މިތިބި ކުޅުންތެރިންނަކީ 100 ޕަސެންޓް ކޮމިޓެޑް ކުޅުންތެރިން،" އުރުބާނީ ބުންޏެވެ.

އުރުބާނީ ބުނީ ޕާކިސްތާން މެޗަށްފަހު ބައެއް ކުޅުންތެރިންނަށް ބައެއް ކުދި އަނިޔާތައް ދިމާވެފައިވާ ނަމަވެސް، އެ ކުޅުންތެރިން އެކަންކަމަށް ބަލަން ބޭނުންނުވާ ކަމަށެވެ. އަދި މިހާރު ތިބި ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށާއި، ވަށައިގެންވާ އެއްވެސް ކަމަކަށް އެ ކުޅުންތެރިން ފަރުވާލެއް ނުބަހައްޓާ ކަމަށް އުރުބާނީ ފާހަގަކުރިއެވެ. އެ ކުޅުންތެރިން ބޭނުން ވަނީ ސަޕޯޓަރުން ބޭނުންވާ ގޮތަށް ނަތީޖާ ނެރެން ކަމަށްވެސް އުރުބާނީ ފާހަގަކުރިއެވެ.

މީގެ ކުރިންވެސް އެކި ސަބަބުތަކާއެކު ބައެއް ކުޅުންތެރިން ގައުމީ ޓީމަށް ނުގޮސް ތިބި ކަމަށް ކުރިން އުރުބާނީގެ ޕްރެސްއެއްގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ކުޅުންތެރިން އެފަހަރުވެސް ޓީމަށް ނޫނެކޭ ބުނި ސަބަބު އުރުބާނީ މާ ތަފުސީލުކޮށް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބައެއް ކުޅުންތެރިން ސާފް ސްކޮޑުގައި ހިމެނިގެން ބަންގްލަދޭޝްއަށް އައިސްފައިވެއެވެ.

މިއަދު ފާހަގަކުރީ ކޮން ކުޅުންތެރިންނެއްގެ ވާހަކައެއް އުރުބާނީ ބުނެފައެއް ނުވެއެވެ.

އުރުބާނީ އަލުން ރާއްޖެއާ ހަވާލުވިފަހުން މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވީ ޓިމޯ ލެސްޓޭ ކައިރިން އެކަންޏެވެ. އޭގެފަހުން 20 އަހަރުން ދަށުގެ ޓީމާއެކުވެސް މޮޅެއް ހޯދިފައި ނުވާ އިރު، ޑައިމަންޑް ޖުބިލީ މުބާރާތްވެސް ނިންމާލީ މޮޅެއް ނުހޯދިއެވެ.

ރާއްޖޭން އިންޑިއާއާ ދެކޮޅަށް ނުކުންނަ މެޗު މާދަމާ އޮންނާނީ ރާއްޖެ ގަޑިން މެންދުރުފަހު 2:30 ގައެވެ.