ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި އިއްޔެ އިންޑިއާ ކައިރިންވެސްވީ ބައްޔެވެ. ޑާކާގެ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންޑިއާ ކައިރިން ރާއްޖެ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެމެޗާއެކު ރާއްޖެއަށް ވަނީ މިފަހަރު ސާފް ނިމިފައެވެ. ޖެހިޖެހިގެން ދެވަނަ ފަހަރު ރާއްޖެ ގްރޫޕް ސްޓޭޖުން ކަޓާފައިވާ އިރު، މިއީ ސާފްގެ މުބާރާތެއްގައި ރާއްޖެއަށް ގޯލެއް ނުޖެހި ނިމިގެންދިޔަ ފުރަތަމަ ފަހަރެވެ.

މުބާރާތް މާޔޫސީ މުބާރާތަކަށް ވެގެން ގޮސްފައިވާ އިރު، ޓީމުގެ ފަރާތުން އަސްލު ފެންވަރު ފެނިފައި ނުވާ ކަމަށް ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) މެޗަށްފަހު ބުނެފައިވެއެވެ.

"މި މެޗުގައި އަހަރެމެންނަށް ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅެވުނު. އަދި ގިނަ ފަހަރުތަކެއްގައި އެޓޭކްތައްވެސް އުފެއްދުނު. ކަންދިމާކުރި ގޮތުން އަހަރެމެންނަށް ގޯލެއް ޖެހޭ ގޮތެއް ނުވި. އަހަރެމެން ޖެހޭ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ވަރަށް މަސައްކަތް ކުރަން. އަހަރެމެން ޖެހޭ މުބާރާތުގައި މިއަށްވުރެ ކުރިއަށް ދާން. މިއީ އަހަރެމެންގެ އަސްލު ފެންވަރެއް ނޫން،" ތަޖުރިބާކާރު ޑިފެންޑަރު ސަމޫހު މެޗު ބްރޯޑްކާސްޓް ކުރަމުންދިޔަ ޓީ ސްޕޯޓްސްއަށް ބުނެފައިވެއެވެ.

އިއްޔެގެ މެޗަށްފަހު ރާއްޖޭގެ ކޯޗު އިސްތަވާން އުރުބާނީވެސް ފާހަގަކުރީ މިހާރު ރާއްޖެ އޮތް ލެވެލްއިން ރީޖަނަލް ފުޓުބޯޅެ މެޗުތަކުގައި އެންމެ އެކަށީގެންވާ ނަތީޖާ ނެރެން އުނދަގޫ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށްވެސް އުރުބާނީ ވަނީ ފާހަގަކޮށްފައެވެ.