ކުރިއަށް އޮތް 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރާނެ ގައުމުތަކަކީ ސްޕެއިނާއި ޕޯޗުގަލް އަދި މޮރޮކޯ ކަމަށް ފީފާއިން މިރޭ އިއުލާނުކޮށްފިއެވެ.
މިއަހަރުގެ ވޯލްޑް ކަޕް ބާއްވަން އެފްރިކާގެ މޮރޮކޯއާއި ޔޫރަޕްގެ ޕޯޗުގަލް އަދި ސްޕެއިން ކަނޑައަޅާފައިވާ އިރު، ވޯލްޑް ކަޕް ބާއްވަން ފެށިތާ 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ މެޗުތަކެއް ދެކުނު އެމެރިކާގެ އާޖެންޓީނާއާއި އުރުގުއާއީ އަދި ޕެރަގުއޭގައި ކުޅުމަށް ވެސް ވަނީ ހަމަޖައްސައިފައެވެ. އެހެންކަމުން މިފަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ ދުނިޔޭގެ ތިން ބައްރެއްގައި މެޗުތައް ކުޅޭ ހަމައެކަނި ވޯލްޑް ކަޕަށެވެ.
ވޯލްޑް ކަޕް 2030ގެ އެންމެ ފުރަތަމަ މެޗުތައް ދެކުނު އެމެރިކާގެ ގައުއުމުތަކުގައި ކުޅެން ނިންމާފައިވަނީ ވޯލްޑް ކަޕްގެ އެންމެ ފުރަތަމަ މުބާރާތުގެ ހަނދާނެއްގެ ގޮތުންނެވެ. އެގޮތަށް ވޯލްޑް ކަޕް ހޯސްޓް ކުރަން ނިންމާފައިވާ އިރު، އެ ނިންމުން އަންނަ އަހަރު އޮންނަ ފީފާ ކޮންގްރެސްގައި ފާސްކުރަން ވަނީ ނިންމައިފައެވެ.
ޔޫރަޕާއި އެފްރިކާ ގައުމުތަކުގައި ކުރިއަށް އޮތް ވޯލްޑް ކަޕް ބާއްވަން ފީފާއިން ނިންމުމާއެކު 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރުމަށް ބިޑް ކުރެވޭނެ ހަމައެކަނި ބައްރުތަކަކީ މިހާރު އޭޝިއާ އަދި އޯޝެނީއާއެވެ. އެހެންކަމުން ސައުދީ އަރަބިއާއިން މިހާރު ވަނީ 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ޝައުގުވެރިކަން ފާޅުކޮށް ބިޑުކުރަން ނިންމައިފައެވެ.
ތިން ބައްރެއްގައި މެޗުތައް ހޯސްޓް ކުރުމަށް ފީފާއިން ނިންމި ނިންމުމަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައްވެސް އަމާޒުވެފައިވާ އިރު، މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ޓީމުތަކަށް އެކި ބައްރުތަކުން ކުރިމަތިލާން ޖެހޭނީވެސް ތަފާތު މޫސުންތަކަކާއެވެ. އެ ސަބަބުތަކާ ހުރެ ބައެއް ފަރާތްތަކުން ބުނީ ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތް ހަލާކުކޮށްލަން ފީފާއިން މަސައްކަތްތަކެއް ކުރާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭގެ ރައްދެއްގެ ގޮތުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ބައިބައިވެފައިވާ ދުނިޔޭގެ މާހައުލެއްގައި ފީފާއިން ދަނީ އެކުވެރިކަން ދަމަހައްޓަމުން ކަމަށެވެ. ހާއްސަކޮށް 1930 ވަނަ އަހަރު އުރުގުއާއީގައި ފެށި ވޯލްޑް ކަޕްގެ ހަނދާން އާކޮށް މުބާރާތް ފެށުމަކީ ތާރީހީ ކަމަކަށް ވެގެންދާނެ ކަމަށްވެސް ފީފާ ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ވޯލްޑް ކަޕްގައި 48 ޓީމަކުން ވާދަކުރާ އިރު، މޮރޮކޯއަކީ ވޯލްޑް ކަޕް ހޯސްޓް ކުރާ އެފްރިކާގެ ދެވަނަ ގައުމެވެ. މީގެ ކުރިން 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ވޯލްޑް ކަޕް ހޯސްޓް ކުރި އިރު، ސްޕެއިންގައި މީގެ ކުރިން ވޯލްޑް ކަޕް ބޭއްވީ 1982 ވަނަ އަހަރުއެވެ. އެފަހަރު ޗެމްޕިއަނަކީ އިޓަލީއެވެ. ޕޯޗުގަލްއިންވެސް މިއީ އަލަށް ވޯލްޑް ކަޕް ބާއްވާ ފަހަރެވެ.
ފީފާ
ފީފާ
ފީފާ
ފީފާ