ފްރާންސް ރައީސް، އެމަނުއެލް މެކްރޮން ބޭނުން ވަނީ އާސެން ވެންގާ ފީފާގެ ރައީސް ކަމަށް ވާދަކުރައްވަން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިތުރު ދައުރަކަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އިރު، އޭނާގެ ގިނަ މައްސަލަތަކެއްގައި ފާޑު ކިޔުން އަމާޒުވެފައިވެއެވެ. އެގޮތުން އިޒްރޭލާ ދޭތެރޭ ފިޔަވަޅު އަޅަން ފަސްޖެހުމުގެ އިތުރުން ގައުމުތަކުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުންވެސް އެކަމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. އިންފަންޓީނޯއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގުޅުން މާބޮޑުވެ، ފީފާގެ ސުލްހައިގެ އިނާމު ޓްރަމްޕަށް އެރުވުމުން އެކަމަށްވެސް ވަނީ ނުރުހުން އަމާޒުވެފައެވެ.
އޭގެ އިތުރުން މިފަހަކަށް އައިސް އިންފަންޓީނޯ އިއުލާނުކުރެއްވި ފީފާ ފޯވަޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ޕްލޭނާއެކު ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
އެ ހުރިހާ ކަމެއްގެ ސަބަބުން ފީފާއާ އެންމެ ބޮޑަށް ދެކޮޅު ހަދަމުންދާ އެއް ބަޔަކީ ޔޫއެފާއެވެ. ފުރަތަމަ ދުވަހުން ފެށިގެން ޔޫއެފާއިންވެސް އިންފަންޓީނޯއާ ދެކޮޅު ހަދާފައިވާ އިރު، އޭރު ދެކޮޅު ހެދި އޭއެފްސީން މިހާރު ވަނީ އިންފަންޓީނޯއަށް ތާއިދު ކުރަން ނިންމައިފައެވެ.
ޔޫއެފާއިން އިންފަންޓީނޯއާ ދެކޮޅަށް މައްސަލަވެސް ހުށަހަޅާފައިވާ އިރު، އެއްބަސްވެވޭ ކެނޑިޑޭޓެއް އަދިވެސް ނެރެވިފައެއް ނުވެއެވެ. ކެނޑިޑޭޓަކަށް ޔޫއެފާއިން މަސައްކަތް ކުރަމުންދާ އިރު، ވެންގާއަކީ އެ ކެނޑިޑޭޓް ކަމަށް ނޫސްތައް ބުނަމުން ދެއެވެ. ވެންގާއަކީ މިހާރު ފީފާގެ ހެޑް އޮފް ފުޓްބޯލް ޑެވަލޮޕްމެންޓެވެ.
ވެންގާ ފީފާ ރައީސް ކަމަށް ނުކުންނަން ފްރާންސް ސަރުކާރުން ދަނީ ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް ކުރަމުން ކަމަށް ނޫސްތައް ފާހަގަކުރެއެވެ. އެގޮތުން މެކްރޮން، އެހެން ބައެއް ލީޑަރުންނާ އެކަމުގައި ވާހަކަ ދައްކަމުންދާ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
ހަބަރުތައް ބުނީ ފީފާގެ ރައީސް ކަމަށް ވާދަކުރަން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި، ގޮތް ނިންމާނީ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ކަމަށެވެ. ފީފާ ރައީސް ކަމަށް ވާދަކުރަން ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ބުދަ ދުވަހުއެވެ.
މިހާތަނަށް އިންފަންޓީނޯގެ އިތުރުން ޖަޕާންގެ ކޯޒޯ ޓަޝިމާވެސް ވަނީ ފީފާ ރައީސް ކަމަށް ވާދަކުރައްވާކަން އިއުލާނު ކުރައްވައިފައެވެ. އަދި ސްވިޒަލޭންޑްގެ ރަމޯން ވޭގާވެސް ވަނީ މީގެ ކުރިން ފީފާ ރައީސް ކަމަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފައެވެ.
ފީފާ
ފީފާ
ފީފާ
ފީފާ
ކޮމެންޓް