ކުރިއަށް އޮތް ފީފާ އިންތިހާބުގައި އެ އިދާރާގެ ރައީސް ކަމަށް ވާދަކުރާ ތިން ކެނޑިޑޭޓުން ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.
ފީފާއިން އިއްޔެ ރަސްމީކޮށް ނަންތައް އިއުލާނު ކޮށްފައިވާ އިރު، އިންތިހާބުގައި ވާދަކުރަނީ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާއި ފްރާންސް ފުޓުބޯޅަ އިދާރާގެ ރައީސް ފިލިޕޭ ޑިއާލޯއާއި ޖަޕާން ފުޓުބޯޅަ ފެޑަރޭޝަންގެ އޮނަރަރީ ރައީސް ކޯޒޯ ޓަޝިމާއެވެ. ކުރިން ޓޮޓެންހަމްއަށް ކުޅުނު ސްވިޒަލޭންޑްގެ ޑިފެންޑަރު ރެމޯން ވޭގާވެސް ފީފާ ރައީސް ކަމަށް ވާދަކުރައްވަން އިއުލާނުކުރި ނަމަވެސް، އޭނާގެ ނަމެއް ކެނޑިޑޭޓުންގެ ލިސްޓްގައެއް ނެތެވެ.
ފީފާގެ އިންތިހާބު ދެން އޮންނާނީ އަންނަ އަހަރު މާޗު މަހުގައެވެ. މިއީ މިހާރު ފީފާގެ ހުރި ރައީސް އިންފަންޓީނޯއަށް ފީފާގެ ރައީސް ކަމަށް ޗެލެންޖަކާ ކުރިމަތިވި ފުރަތަމަ ފަހަރެވެ. 2016 ވަނަ އަހަރުން ފެށިގެން އިންފަންޓީނޯ ފީފާގެ ރައީސްކަމުގައި ހުރި އިރު، އޭނާ ފުރަތަމަ މަގާމާ ހަވާލުވީ ސެޕް ބްލެޓާ ދައުރުގެ މެދުތެރެއިން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެހެންކަމުން މިއީ އިންފަންޓީނޯ އާންމު އުސޫލުގެ ދަށުން އިންތިހާބު ވެގެން ފީފާގެ ރައީސްކަން ކުރައްވާ ދެވަނަ ދައުރެވެ. ކުރިން ފަހަރު އިންފަންޓީނޯ މަގާމާ ހަވާލުވެލެއްވީ ދައުރުން ބޭރު ބޭއްވި ހާއްސަ ޖަލްސާއެއްގެ އަގުލަބިއްޔަތުންނެވެ.
އިންފަންޓީނޯގެ މިހާރު ހިނގަމުންދާ ދައުރުގެ ގިނަ ކަންތައްތަކަކަށް ފާޑުކިޔުން އަމާޒުވެފައިވާ އިރު، އިންފަންޓީނޯ ދަނީ އަނެއްކާވެސް ތާއިދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. ޔޫއެފާއިން އިންފަންޓީނޯއާ ދެކޮޅު ނަމަވެސް، މިހާރު އޭޝިއާގެ އިތުރުން އެފްރިކާއިންވެސް އިންފަންޓީނޯއަށް ތާއިދުކުރައްވަން ނިންމާފައިވާ ކަމަށް ނޫސްތައް ބުނެފައިވެއެވެ. އަދި އިންފަންޓީނޯ ވަނީ އެކަން އިއުލާނުވެސް ކުރައްވައިފައެވެ.
ކޮމެންޓް