ފީފާގެ ރައީސްކަމުގައި މިހާރު ހުރި ޖިއާނީ އިންފަންޓީނޯއަކީ ކުރިން ކޮރަޕްޝަނުގެ މައްސަލަގަނޑެއްގެ ތެރެއިން ފީފާގެ ރައީސްކަމުން އިސްތިއުފާ ދެއްވި ސެޕް ބްލެޓާއަށްވުރެވެސް ކަންކަން ގޯސްކޮށް ކުރާ ރައީސެެއް ކަމަށް ޖަރުމަނުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

އިންފަންޓީނޯ އަލުން ފީފާ ރައީސް ކަމަށް އިންތިހާބުވުމަށް މަސައްކަތް ކުރަމުން އަންނަ އިރު، ފީފާ ފޯވަޑް އެންޓަޕްރައިސްގެ އިތުރުން އެހެން ބައެއް ގިނަ ކަންކަމުގައި އޭނާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އޭގެ ކުރިން ހުރި ފީފާގެ ރައީސް ބްލެޓާގެ ދައުރުގެ ފަހުކޮޅުގައި އޭނާގެ މައްޗަށް ކޮރަޕްޝަނުގެ މައްސަލަތަކުގެ ތުހުމަތު ކުރެވި، ފީފާގެ ކަންކަން ގޯހުން ގޯހަށް ގޮސްފައިވާ އިރު، ބްލެޓާ އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރުއެވެ.

"އަހަރެން ފުޓުބޯޅައިގައި އުޅޭތާ އަހަރުތަކެއް ވެއްޖެ. އެހެންވިޔަސް އަހަންނަށްވުރެ މިކަމުގައި މާ މައުލޫމާތު މުއްސަނދި މީހުން ތިބޭނެ. އެހެންވިޔަސް އަހަންނަށް ހީވަނީ ގިނަބައެއްގެ ނަޒަރުގައި މިހާރު ފުޓުބޯޅައިގެ އެންމެ މަތީ ފަޑިއަށް ބަދަލެއް އެބަ ބޭނުންވޭހެން،" ކްލޮޕް ބުންޏެވެ.

އަހަރެން ހީއެއް ނުކުރަން ބްލެޓާއަށްވުރެ ގޯސްކޮށް ކަންކަން ކުރާނެ މީހަކު އަންނާނެ ކަމަކަށް. އެކަމަކު ކޮންމެވެސް މީހަކު އެކަންވެސް ކޮށްފި. ޔަގީނުންވެސް ދެން އަންނަ މީހަކަށް އިންފަންޓީނޯއަށްވުރެ ރަނގަޅަށް ކަންކަން ކުރެވޭނެ،
ކްލޮޕް

އިންފަންޓީނޯ ގައުމުތަކުގެ ތާއިދު ހޯއްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ އިރު، އަދިވެސް ވޯޓް ގިނައީ އޭނާ އަތުގައި ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އިންފަންޓީނޯއާ ދެކޮޅަށް ޔޫއެފާއިން މަސައްކަތްތަކެއް ކުރަމުން އަންނައިރު، ޔޫއެފާގެ ކެންޑިޑޭޓަކީ ފްރާންސް ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް ފިލިޕް ޑިއާލޯ އެވެ. އެކަމަށް ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީގެ ރުހުން އޭނާއަށް ލިބިފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

އޭގެ އިތުރުން ކުރިން ޓޮޓެންހަމްއަށް ކުޅުނު ރަމޯން ވޭގާއާއި ޖަޕާން އެފްއޭގެ އޮނަރަރީ ރައީސް ކޯޒޯ ޓަޝިމާވެސް ވަނީ ފީފާ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައިފައެވެ.