މާލޭ ސިޓީ ކައުންސިލް ހިންގުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ ހަވާލުކޮށްފިއެވެ.

ސިޓީ ކައުންސިލްގެ މިއަދު ބައްދަލުވުން ނިންމާލެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި މާލޭގެ މޭޔަރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހުރިހާ ކައުންސިލަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށާއި ވަކިން ހާއްސަކޮށް ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުނީ ކައުންސިލަރުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމާ މިއަދަށް ފަހު ދެން ރަސްމީކޮށް ޒިންމާތައް ހަވާލުވެވަޑައިގެން ކުރިއަށް ގެންދަވާނީ ޑެޕިއުޓީ މޭޔަރު ނަރީޝް އިނގޭތޯ. އަޅުގަނޑު އެދެން އަދި ޔަގީންކުރަން ވަރަށް ފުރިހަމައަށް ގެންގޮސްދެއްވާނެ ކަމަށް" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މޭޔަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ބައި-އިލެކްޝަނެއް ބާއްވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ 17 ނޮވެމްބަރު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވާ ކުރެވެންދެން އޭނާ މޭޔަރުގެ މަގާމުގައި ހުންނަވާނެ ކަމަށެވެ.

ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ ތެރެއިން ބައެއް ބޭފުޅުންނަކީ އޭނާއާ އެކު ސަރުކާރުގައި މަސައްކަތް ކުރައްވާނެ ބޭފުޅުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއްކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން އޭނާ ވަނީ މާލޭގެ ދާއިރާތަކަށް ވައުދުތަކެއް ވެވަޑައިގެންފައިކަމަށް މުއިއްޒު ވިދާޅުވިއެވެ. ކެމްޕޭނުގެ ތެރެއިން ވެވަޑައިގެންނެވި އެ ވައުދުތަކަކީ އަދި ހުރިހާ ވައުދުތަކަކީވެސް ހަގީގީ މާނައިގައި ކޮށްދެއްވުމުގެ ނިޔަތުގައި ވެވަޑައިގެންނެވި ވައުދުތައް ކަމަށް މުއިއްޒު ވިދާޅުވިއެވެ.