ޗައިނާގެ ރައީސް ޒީ ޖިންޕިންގު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ޗައިނާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު ވޭންގް ލިޒިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެއާއި ޗައިނާއަކީ ޒަމާނުއްސުރެ ގާތް ރަހުމަތްތެރި ދެ ގައުމުކަން ޒީ ޖިންޕިންގު ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި އެ އެކުވެރިކަމުގެ ގުޅުން ބަދަހިވެގެން ވަނީ އެއް ގައުމުން އަނެއް ގައުމަށް ފޯރުކޮށްދޭ އިތުބާރުގެ މައްޗަށްކަމަށް ޒީ ޖިންޕިންގް ވިދާޅު ކަމަށެވެ.
ރާއްޖެއާއި ޗައިނާއަކީ އުމްރާނީ ތަރައްގީގެ ގޮތުން ވެސް ގާތް ދެ ގައުމުކަން ޒީ ޖިންޕިން ފާހަގަކުރެއްވިއެވެ.
"ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިކުރަން އަޅުގަނޑު ވަރަށް ބޮޑު އިސްކަމެއް ދޭނަން. ދެގައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދަމަހައްޓައި އިތުރު ކުރިއެރުންތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރާނަން. މި ހުރީ ރާއްޖެއާއެކު މަސައްކަތް ކުރަން ތައްޔާރަށް" ޒީ ޖިން ޕިންގްއާ ހަވާލާދެއްވައި ސަފީރު ވޭންގް ލިޒިން ވިދާޅުވިއެވެ.
ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުއިއްޒަކީ ހައުސިން މިނިސްޓަރެވެ. ޔާމީންގެ ސަރުކާރުން ވަނީ ޗައިނާއިން ލޯނު ނަގައިގެން، ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބިޔަ ބޮޑެތި މަޝްރޫއުތަކެއް ފަށައިފައެވެ. އެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު ވަނީ އިންތިހާބުގެ 45.26 ޕަސަންޓު ކާމިޔާބު ކުރައްވައިފައެވެ. އެއީ 101,394 ވޯޓެވެ. ރައީސް އިބްރާހީމް މުހައްމަދުސޯލިހަށް ލިބިވަޑައިގެންނެވީ އިންތިހާބުގެ 85,698 ވޯޓެވެ. އެއީ 38.25 ޕަސަންޓެވެ. ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ފުރަތަމަ ބުރުގައިވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒަށް ވަނީ 53 ޕަސެންޓާއެކު 126،850 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 46 ޕަސެންޓެވެ. އެއީ 108،696 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު