ރާއްޖޭގެ ވެރިކަން ރިޔާސީ ނިޒާމަކުން، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާ ބެހޭގޮތުން ޕާޓީން ކުރިޔަށް ދާނެ ގޮތެއް މިރޭ ކަނޑައަޅަން އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު (އިބުރޭ) މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގައުމީ މަޖިލީހުގެ އެ ބައްދަލުވުން ބާއްވާނީ އިމާދުއްދީން ސްކޫލުގައި މިރޭ 8:30 ގައި ކަމަށެވެ. އެ ބައްދަލުވުމުގައި ބޮނޑިބަތް ކެއުން ވެސް އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ޖާގަ އޮތް ވަރަކުން އާއްމު މެންބަރުންނަށް އަޑުއަހަން ވަދެވޭނެ" އިބުރޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރު ރައްޔިތުންގެ މަޖިލީހުން ވަނީ ބަލައިގެންފައެވެ. މަޖިލީހުން ވަނީ ނިޒާމީ ވޯޓެއް ނެގުމުގެ ކަންކަން ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ވެސް އަންގައިފައެވެ. އެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.

މިހާރު ރާއްޖޭގައި އޮންނަ ރިޔާސީ ނިޒާމުގައި އެއް ޕާޓީން ނިކުމެ ފުރަތަމަ ބުރުން އެއްވެސް ޕާޓީއަކަށް މިހާތަނަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭ ކަމަށާއި، މި ނިޒާމުގައި އަބަދުވެސް ޖެހެނީ ކޯލީޝަން ހަދަން ކަމަށް އިލްޔާސް ވިދާޅުވެފައިވެއެވެ. އެހެންކަމުން މިހާރު މިއޮތް ރިޔާސީ ނިޒާމާބެހޭގޮތުން "މިވަގުތު ރައްޔިތުންނާ ހަމައަށް ފެންނަ ނުފެންނަ ވޯޓެއް ގެނައުން މުހިއްމު، ރައްޔިތުން ނިންމާ ގޮތެއްގެ މަތިން ކުރިއަށް ދިއުމަކީ އެންމެ ފަހުގޮތް،" ކަމަށް އިލިޔާސް ވިދާޅުވެފައިވެއެވެ.

އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީން ނިޒާމީ ވޯޓެއް ނަގަން އެއްބަސްވި ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ރަސްމީ ގޮތުން ގޮތެއް ނިންމާފައެއް ނުވެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރާކަން ހާމަކުރައްވައިފައެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައިވަނީ ރައްޔިތުންގެ ބައިވެރިވުން ބޮޑު ރިޔާސީ އިންތިހާބެއްގެ ވޯޓަކަށް ފަހު އަނެއްކާވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުން ބޭނުން ނުވާނެ ކަމަށެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުން ނިޒާމު ބަދަލުކުރާ ނަމަވެސް ފުރަތަމަ އަހަން ޖެހޭނީ ރައްޔިތުން ގާތު ކަމަށެވެ.

"އެއީ މި ކުޅެވެނީ ނިޒާމާ ކަމަށްވާތީ، ވެރިކަމުގައި ހުންނަ މީހެއްގެ ދައުރާ ބެހޭގޮތުން މި ވާހަކަ ދައްކަނީ، އެ ތިންބައިކުޅަ ދެބައިން ފާސްވުމަށްފަހުގައި އަޅުގަނޑަށް ތަސްދީގުކުރަން ފޮނުވަން ޖެހޭނެ، ފޮނުވީމާ އަޅުގަނޑަށް އެ ތަސްދީގު ކުރެވޭނީ ރައްޔިތުންގެ ބަހެއް ހޯދައިގެން، ގާނޫނުއަސާސީގެ އެފަދަ މާއްދާއަކަށް ބަދަލު ގެންނަންޏާ ކަންކުރަންވީ ގޮތް ގާނޫނުއަސާސީގައި އެބަ އޮތް، އެހެންވީމާ އެ ޕްރޮސެސް އައީމަ އަޅުގަނޑު ދާނަން ރައްޔިތުން ކައިރިއަށް، އެ ގެންނަ ބަދަަލަކީ ރައްޔިތުން ގަބޫލުކުރާ ބަދަލެއްތޯ ބެލުމަށް، ރައްޔިތުން ގަބޫލު ނުކޮށްފިއްޔާ އަޅުގަނޑަށް ތަސްދީގެއް ނުކުރެވޭނެ" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް އެގޮތަށް ވިދާޅުވި ނަމަވެސް މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ގާނޫނު އަސާސީގެ 70 ވަނަ ހުށަހަޅުއްވާފައިވާ އިސްލާހެއްގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާއްމު ބާރުތަކުގެ ތެރެއިން ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައިވާ ކަމަކާ ގުޅިގެން ގެންނަ ބަދަލާ މެދު އާންމުންގެ ހިޔާލު އިތުރަށް ހޯދާކަށް ނުޖެހޭނެ އެވެ.

އެ މާއްދާގައި މިހާރު އޮންނަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހުން ފާސްކުރުމަށް ފަހު، އެ ބިލު ރައީސް ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު ކަމަށެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ބެހޭގޮތުން އެމްޑީޕީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު އަދި ރައީސް ސޯލިހު ވަނީ ބައްދަލުވުމެއް ބާއްވައި މަޝްވަރާކުރައްވައިފައެވެ. ނަޝީދު ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ވެސް ނިޒާމާ ބެހޭ ގޮތުން މަޝްވަރާގެ ބައްދަލުވުމެއް ބޭއްވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ޔާމީން ބޭނުންފުޅު ނުވުމުން އެ ބައްދަލުވުން ބޭއްވިފައެއްނުވެއެވެ.

ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ނާކާމިޔާބުވުމުން، އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެކަމުގެ ޒިންމާ ނަޝީދު ނަންގަވަންޖެހިވަޑައިގަންނަވާނެ ކަމަށް ބުނެފައެވެ. އެހެންވެ ބަރުލަމާނީއަކަށް ތާއީދު ނުކުރާނެކަމަށް އެ މެމްބަރުން ވިދާޅުވެފައިވެއެވެ.