ޚަބަރު

އިންތިހާބީ ރައީސް މުއިއްޒުއާ ރައީސް ސޯލިހު ބައްދަލުކުރައްވައިފި

މުހައްމަދު އިޝާން

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފިއެވެ.

ދެ ބޭފުޅުން ބައްދަލުކުރައްވާފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ރައީސް އޮފީހުގައެވެ. އެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންކަމުގެ މައުލޫމާތެއް ރައީސް އޮފީހުންނާއި ދެ ޕާޓީގެ ފަރާތުންވެސް އަދި ހާމައެއް ނުކުރެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މުއިއްޒަށް ވަނީ 54 ޕަސެންޓާއެކު 129،159 އަށްވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 45.96 ޕަސެންޓެވެ. އެއީ 109،868 އަށްވުރެ ގިނަ ވޯޓެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު މީޑިއާތަކާ ބައްދަލުކުރައްވައި މުއިއްޒު ރޭ ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް ސޯލިހުގެ އަރިހުން އެދިވަޑައިގެންފައެވެ.

އެގޮތަށް އެދިވަޑައިގަތުމާއެކު ސަރުކާރުން މިއަދު ޔާމީން ގެއަށް ބަދަލުކުރަން ނިންމަވައިފައެވެ. އަދި ގެއަށް ބަދަލުކުރެއްވުމަށް ޔާމީން މި ވަގުތު ހުންނެވީ މާލެ ގެނެސްފައެވެ.