ޚަބަރު

މޯދީގެ މަރުހަބާ މުއިއްޒަށް: ރާއްޖެ-އިންޑިއާގެ ގާތް ގުޅުން ވަރުގަދަކުރަން ބޭނުން

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު މަރުހަބާ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއަކީ ރައީސް ސޯލިހުގެ ސަރުކާރަށް އިންޑިއާގެ ނުފޫޒު ވަރަށް ބޮޑަށް އޮތް ކަމަށް ބުނެ، އެ ގައުމާ ދެކޮޅަށް 'އިންޑިއާ އައުޓް'ގެ ނަމުގައި ބޮޑު ކެމްޕެއިނެއް ހިންގި ބައެކެވެ. އެ ވާހަކަތައް ކެމްޕެއިން ތެރޭގައިވެސް މުއިއްޒު ދެއްކެވިއެވެ.

މުއިއްޒަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާ އިން އަބަދުވެސް ބޭނުންފުޅުވާ ކަމަށެވެ.

ރިޔާސީ ކެމްޕެއިން ތެރޭގައި "ވަން" އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި މުއިއްޒު ވަނީ، އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އަވަށްޓެރިއާ ކަމަށާއި އެހެންކަމުން އިންޑިއާ އިސްކުރުމުގެ ސިޔާސަތު އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ދިވެހި ގައުމުގެ މިނިވަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށާއި އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ އެއްބަސްވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.