ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ތަމްސީލުކުރައްވާ ދެ މެންބަރަކަށް މިއަދު ބަޔަކު ހަމަލާދިނުމުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް އެ ދެ ޕާޓީން ބުނެފިއެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އާއި ފޭދޫ ދާއިރާގެ މެންބަރު އަހުމަދު ނިހާދަށް ވަނީ ދެ ގްރޫޕަކުން ހަމަލާދީ ޒަހަމްކޮށްލާފައެވެ.
ނިހާދަށް ވަނީ ހޮސްޕިޓްލަގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައެވެ.
އެމްޑީޕީއަށް ތާއީދުކުރާ ބައެއް މީހުން އަންނަނީ، އެ ހަމަލާތައް ދިނީ އިދިކޮޅުގެ ބައިވެރިވުމާ އެކު ކަމަށް ބުނެ ތުހުމަތުކުރަމުންނެވެ.
އެ ތުހުމަތުތަކާ ގުޅިގެން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ތޮލާލް މީޑިއާތަކަށް ފޮނުއްވި މެސެއްގައި ވިދާޅުވީ، އެ މާރާމާރީ އާއި ހަމަނުޖެހުމުގައި އެ ދެ ޕާޓީގެ އެއްވެސް މެންބަރަކު އަދި ސަޕޯޓަރެއްގެވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
"ޕީޕީއެމް- ޕީއެންސީ މެންބަރުން އަދި ސަޕޯޓަރެއް އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާ ކަމުގެ ޔަގީންކަން އަރުވަން. އަދި އެފަދަ ކަމެއްގައި ބައިވެރި ނުވުމަށް މި ދަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުން،" ތޮލާލް ވިދާޅުވި އެވެ.
އެ ދެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު، އެ ހަމަލާތަކާ ގުޅިގެން ފުލުހުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރާނެ ކަމަށް ބުނެފައެވެ.