ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އީސީން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން، ކުރިމަތިލި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި، ދަފްތަރު ނަންބަރު ރސ. 13449، މުހައްމަދު ޝަކީލަށް މަޖިލީހުގެ ރުހުން ހޯއްދެވުމަަށް މަޖިލީހަށް ފޮނުއްވީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.

މިމަހުގެ 15 ވަނަ ދުވަހު އެ މައްސަލަ މަޖިލިސް ތަޅުމަށް ގެނައުމަށްފަހު، އިތުރަށް ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވިއެވެ.

ޝަކީލް މީގެކުރިންވެސް ވަނީ އީސީގެ މެންބަރު ކަމުގެ މަގާމު އަދާކުރައްވައިފައެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިނަކުން ފެށިގެން ނުވައެއް މެއި 2018 އާ ހަމައަށް މެންބަރުކަން ކުރައްވާފައިވާ އިރު، 2013 ސެޕްޓެމްބަރުން ފެށިގެން ތިނެއް ޑިސެމްބަރު 2014އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.

އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ މީގެ ކުރިން އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި، މުހައްމަދު ޒާހިދު، އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުންނާއި މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އީސީއަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.

އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދާއި، މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާއާއި އަބްދުލްހަސީބް އިސްމާއީލް އާއި ރިފްއަތު އަބްދުﷲ އެވެ.

މިވަގުތު އެކޮމިޝަނުގެ ރައީސްގެ މަގާމު އޮތީ ހުސްކޮށެވެ.