އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ ދައުވާކޮށްފައިވާ ޅ. ހިންނަވަރު/ މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާންގެ މައްޗަށް، ދައުވާތައް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރާން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ ޝަރީއަތުގައި މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާޒިމް ވިދާޅުވީ މޭރީ މަރުވީ އަމިއްލައަށްކަމަށް އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ބުނިކަމަށްވިޔަސް، މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން، މޭރީ މަރާލާފައިވަނީ ދުރާލާ ރާވައިގެން ގަސްދުގައިކަން ސާބިތުވާ ކަމަށެވެ.
ގާޒީ ވިދާޅުވީ މާވިންއާއި ލަމްހާ އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ. ނަމަވެސް މާވިން، މޭރީއާ ކައިވެނި ކޮށްގެން ހުރުމުގެ ސަބަބުން، މާވިންއާއި ލަމްހާގެ ކައިވެންޏަށް ހުރަސް އެޅިފައިވާތީ މާވިންއާއި ލަމްހާ ރާވައިގެން މޭރީ މަރާލީކަން ހެކިތަކުން ސާބިތުވާކަމަށް ގާޒީ ވިދާޅުވިއެވެ. މޭރީ މަރާލަން ރާވައި، އެކަން ކުރާނެ ގޮތް ކިޔައިދީ، އެކަމުގައި ލަމްހާ މާވިންއަށް އެހީތެރިވެފައިވާކަން ޝައްކެތް ނެތް މިންވަރަށް ސާބިތުވާކަމަށް ގާޒީ ވިދާޅުވިއެވެ.
ލަމްހާ ދިރިއުޅޭ ގެއިން މީހަކު މަރާލެވޭ ނުވަތަ ފެރަލައިޒްކޮށްލެވިދާނެ ފަދަ އިންޖެކްޝަންތަކެއް ފެނިފައިވާތީ ގާޒީ ވަނީ އޭނާގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާވެސް ސާބިތުވާކަމަށް ކަނޑައަޅައިފައެވެ.
ލަމްހާ ދިރިއުޅޭ ގެއިން އެ އިންޖެކްޝަން ފެންނަން ޖެހުނު ސަބަބެއް އޭނާއަށް ބުނެދެވިފައިނުވާ ކަމަށާއި، އެ އިންޖެކްޝަން މޭރީގެ ގަޔަށް ޖަހަންވީ ގޮތް މާވިންއަށް ކިޔައިދިނީ ލަމްހާކަން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ސާބިތުވާ ކަމަށެވެ. އެކަން ސާބިތުވެފައިވަނީ، ލަމްހާގެ ފޯނުން ރިކަވާކުރި ޑިލީޓުކޮށްފައިވާ މެސެޖުތަކުން ކަމަށާއި، އެ މެސެޖުތަކުގައި ލަމްހާ ވަނީ އެ އިންޖެކްޝަން މޭރީގެ ގަޔަށް ޖަހަން ޖެހޭ ގޮތް ތަފްސީލުކޮށް މާވިންއަށް ކިޔައިދީފައިކަމަށް ގާޒީ ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގައިވަނީ މާވިންގެ މައްޗަށްވެސް ދައުވާ ސާބިތުވާކަމަށް ކަނޑައަޅައިފައެވެ. މާވިންގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ.
ގާޒީ މުޒައްމިލް ވިދާޅުވީ މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ނެތް ކަމަށް މޭރީއަށް ފަރުވާދިން ޑޮކްޓަރުންގެ ހެކިބަސްދީފައިވާ ކަމަށާއި އޭނާ މަރުވީ ބޮލަށް ދިން ހަމަލާތަކެއްގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވާ ކަމަށެވެ.
މޭރީއަށް ހަމަލާދިން މަންޒަރު ފެނުނު އެއްވެސް މީހަކު ނެތް ނަމަވެސް އޭނާ ދިރިހުއްޓައި އެންމެ ފަހުން ފެނުނީ އޭނާ ދިރިއުޅުނު ގެއަށް ވަންނަނިކޮށް ކަމަށާއި އޭރު މާވިންވެސް އެ ގޭގައި ހުރިކަން ހެކިތަކުން އެނގޭ އިރު، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުނެ މާވިން ދެއްކި ވާހަކަތަކަކީ ހަގީގަތް އޮޅުވާލައިގެން ދެއްކި ދޮގު ވާހަކަތަކެއް ކަމަށް ބެލެވޭކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ މީހަކު ހާސްކޮށްލާނެ ގޮތުގެ ފޮޓޯތަކެއް މާވިންގެ ފޯނުން ފެނިފައިވާ އިރު، އެފަދަ ފޮޓޯތަކެއް ހުންނަންޖެހޭ ސަބަބެއް މާވިންއަށް ބުނެދެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ހަވާލާ ދެއްވައި، މަރުވި މީހާއާ އެކު އެންމެފަހުން އުޅުނު މީހަކީ ގާތިލް ކަމަށް، ގުޅުވާލެވޭ ހެކިތަކުގެ މައްޗަށް ބިނާކޮށް ގާޒީ ވިދާޅުވީ، މޭރީ އެންމެފަހުން ދިރިހުއްޓައި ފެނުނީ މާވިންއާއެކު ކަން ހެކިތަކުން އެނގޭތީ، ގުޅުވާލެވޭ ހެކިތަކުގެ މައްޗަށް ބަލާއިރު މޭރީ މަރާލީ މާވިންކަމަށް ބަލަންޖެހޭ ކަމަށެވެ.
އެހެންކަނުން މާވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ގާޒީ ކަނޑައެޅުވިއެވެ.
މިމައްސަލާގައި ބަންދުގައި ހުއްޓައި މާވިން ވަނީ އިސްލާމްވެ، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައެވެ.
މި މައްސަލައިގައި މީގެ ކުރީން ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ބުނެފައިވަނީ މާވިންގެ މައްޗަށް އެނގިހުރެ މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ.
ހުއްދަ ނަގައިގެން ކުރާން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީއެވެ.
މޭރީ ގްރޭސްގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިން ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ފިރިމީހާ މާވިންއެވެ. އެއިއިރު އެތާނގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒަފުން ކައިރީގައި ބުނެފައިވަނީ މޭރީ ގްރޭސް މަރުވެފައިވަނީ ދަންޖެހިގެން ކަމަށެވެ. ނަމަވެސް ފުލުހުން މައްސަލަ ތަހުގީގު ކުރީ މޭރީގެ މަރުގައި ޝައްކުތަކެއް ހުރުމުންނެވެ.
މި މައްސަލައިގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި މޭރީގެ ޕޯސްޓްމޯޓަމް ހެދި އިންޑިއާގެ ޕެތޮލޮޖިސްޓެއް ކަމަށްވާ ޑރ. ސާލިނީ ބުނެފައިވަނީ އޭނާއަކީ 1،000 އަށްވުރެ ގިނަ ޕޯސްޓްމޯޓަމް ހަދާފައިވާ މީހެއް ކަމަށެވެ. އަދި އޭނާއަކީ ދުވަސްވީ ހަށިގަނޑުތަކާއި ވަޅުލައިފައިވާ ހަށިގަނޑުތަކުގެ ޕޯސްޓްމޯޓަމް ވެސް ހަދާ މީހެއް ކަމަށެވެ. މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ މަރުވިތާ ދެ ހަފުތާ ފަހުން ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.
ދެ ހަފުތާ ފަހުން މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދި ނަމަވެސް ހަށިގަނޑު ކުނިވާން ފަށާފައިނުވާ ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ސަބަބަކީ ރާއްޖޭގައި މޭރީގެ ހަށިގަނޑު ބާއްވާފައިވަނީ މޯޗަރީއެއްގައި ކަމަށްވުން ކަމަށެވެ. ހަށިގަނޑު ކުނިވާން ފަށާފައިނުވާތީ އަދި ރައްކާތެރިކޮށް މޯޗާރީގައި ބާއްވާފައި އޮތުމުގެ ސަބަބުން ހަށިގަނޑުގެ ބޭރުގައި ހުރި ނިޝާންތައް ރަނގަޅަށް ދެނެގަނެވެން ހުރި ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.
މޭރީގެ ޕޯސްޓްމޯޓަމް ހެދިއިރު ކަރުގެ ކަށިތަކާއި ނާރުތަކަށް ގެއްލުން ވެފައި ނުވާކަން ފާހަގަކުރެވުނު ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. އަދި ޕުއްޕާމެއަށް ލޭއެޅިފައިވާކަމުގެ އިތުރުން ބޮލަށް އަނިޔާތަކެއްވެފައިވާކަން ފާހަގަކުރެވުނު ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ހަށިގަނޑުގެ ބޭރުގައި ހުރި އަނިޔާތަކެއްވެސް ފާހަގަކުރެވިފައިވާ ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. މޭރީގެ ކަރުގެ ތައިރޮއިޑް ކާޓްރިޖަށް އަނިޔާތަކެއް ވެފައިވާކަމަށްވެސް ހެކިވެރިޔާ ބުނެފައިވެއެވެ.
ހެކިވެރިޔާ ބުނެފައިވަނީ ދަންޖެހިގެން މަރުވެފައިވާ މީހެއްގެ ހަށިގަނޑުގެ ކަރުގެ ކަށިތަކަށާއި، ނާރުތަކަށް ގެއްލުންވާނެ ކަމަށެވެ. މޭރީގެ ފުއްޕާމެއަށް ލޭ އެޅިފައިވަނީ ނޭވާ ހޮޅި ނުވަތަ ވައި ހޮޅި ބެއްދުމުގެ ސަބަބުންކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ބޮލަށް އަނިޔާވެފައިވަނީ މޭރީގެ ބޯ ހަރުތަނެއްގައި ވަރަށް ބާރަށް ޖައްސައިފައިވުމުގެ ސަބަބުން ކަމަށެވެ. މޭރީގެ ތައިރޮއިޑުގެ ކާޓްރިޖަށް އަނިޔާވެފައިވަނީ އެހެން މީހަކު މޭރީގެ ކަރަށް ބާރަށް ފިތާލުމުގެ ސަބަބުން ކަަމަށް ލަފާކުރެވޭ ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.
"އަޅުގަނޑު ޕޯސްޓްމޯޓަމް ހެދީ ދަންޖެހިގެން މަރުވި ހަށިގަނޑެއްގައެއް ނޫން. ހަށިގަނޑުން ދަންޖެހިގެން މަރުވިކަމުގެ ނިޝާނެއް ނެތް ނެތް. މަރުވީ ބޮލަށާއި، ކަރަށް އަދި ފުއްޕާމެއަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން،" ހެކިވެރިޔާ ބުނެފައިވެއެވެ.
މޭރީގެ ހަށިގަނޑުން ނެގި ސާމްޕަލްތަކުގެ ޓޮކްސޮލޮޖީ އެނަލިލިސް ހެދި އިންޑިއާގެ ފޮރެންސިކް ތަޖުރިބާކާރަކު ހެކިބަސް ދެމުން ބުނެފައިވަނީ މޭރީ ގްރޭސްގެ ހަށިގަނޑުން ނެގި ލޭގެ ސާމްޕަލުން ނުރައްކާތެރި "ސަކްސިނައިލްކޮލިން"ގެ އަސަރު ފެނުނު ކަމަށެވެ.
މެރީޭގެ ލޭގެ ސާމްޕަލުން ސަކްސިނައިލްކޮލިންގެ އަސަރު ފެނިފައިވަނީ އާންމުކޮށް ކޭސްތަކުގައި ގެންނަ ބްލަޑް ސާމްޕަލްތަކުގައި ހުންނަ މިންވަރަށްވުރެ މަދުންކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.
މުހައްމަދު އިޝާން
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް