ޚަބަރު

ހުރިހާ ވޯޓު ފޮށްޓެއްވެސް 9 ޖެހުމުގެ ކުރިން ވަނީ ވޯޓުލުމަށް ހުޅުވާލާފައި: ޓްރާންސްޕޭރަންސީ މޯލްޑިވްސް

ފާތިމަތު ލިޔުޝާ

މިއަދު ކުރިއަށްދާ ރިޔާސި އިންތިހާބު 2023ގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންތައް ހުރިހާ ވޯޓުލާ މަރުކަޒުތަކެއްގައިވެސް މިއަދު 9 ޖެހުމުގެ ކުރިން ހުޅުވާފައިވާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއަދު ހެނދުނު 8.10 އާއި 8.30 އާއި ދެމެދު އިތުރު %5.4 ވޯޓު ފޮށްޓެއް ވަނީ ހުޅުވާފައި ކަމަށާއި ވޯޓުލާ މަރުކަޒުގެ ތެރެއިން ހުރިހާ މަރުކަޒުތަކުގައި ހެނދުނު 09:00 ގައި ވޯޓުލާން ފަށާފައިވާ ކަމަށާއި %85.8 ވޯޓުލާ މަރުކަޒުގައި ވޯޓުލާން ފަށަން ކަނޑައަޅާފައިވާ ގަޑީގެ 10 މިނެޓު ތެރޭ ވޯޓުލާން ފަށާފައިވާކަމަށްވެސް އެ ޖަމިއްޔާގެ ނޫސްބަޔާނުގައި ވެއެވެ.

ވޯޓުލުން ފެށިގެންގޮސްފައި ވަނީ ޖުމުލަގޮތެއްގައި ރަނގަޅަށްކަމަށާއި ވޯޓު ފޮށި ހުޅުވުމަށް ކަނޑައަޅާފައިވާ ގަޑީގެ ފުރަތަމަ 10 މިނެޓު ތެރޭގައި %94.3 ވޯޓު ފޮށި ހުޅުވާފައިވާ ކަމަށް ވެސް އެޖަމިއްޔާއިން ނެރުނު ނޫސްބަޔަނުގައި ވެއެވެ.

މީގެިއިތުރުން އެބަޔާނުގައި ވަނީ، ހުރިހާ ވޯޓުލާ މަރުކަޒެއްގައިހެން މަރުކަޒުގައި ތިބެން ޖެހޭ އޮފިޝަލުން ހާޒިރުވެ ތިބިކަމަށާއި ވޯޓުލުމަށް ބޭނުންވާ ތަކެތި ހުރިހާ މަރުކަޒުތަކުގައި ހަމަޔަށް ހުރުމާއި އެކު، ވޯޓުލާން ފެށުމުގެ ކުރިން ހުރިހާ ވޯޓުކަރުދާސް ގުނައި ހަމަކުރެވުނު ކަމަށާއި އަދި ހުރިހާ ވޯޓުފޮށިތައް ހުސްކަން ޔަގީން ކުރިކަމަށްވެސް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކެންޑިޑޭޓުންގެ މަންދޫބުން ހުރިހާ ވޯޓު މަރުކަޒު ތަކެއްގައިވެސް ހާޒިރުވެ ތިބިކަމަށާއި %85 ވޯޓު މަރުކަޒުތަކުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަންދޫބުން ތިބި އިރު، %74 ވޯޓު މަރުކަޒުތަކުގައި އެމްޑީޕީ/އޭޕީ ކޯލިޝަންގެ މަންދޫބުންގެ އިތުރުން %96 ވޯޓު މަރުކަޒުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައީ ވޯޓުލާ ސަރަހައްދުތަކުގެ ބޭރުގައި ކަމަށެވެ.

ވޯޓުލާ ފޮށިތަކުގެ %96 ފޮށިތައް ތައްޔާރުކޮށްފައި ވަނީ ލާ ވޯޓުގެ ސިއްރުކަން ކަށަވަރުވާގޮތަށް ކަމުގައި އެ ޖަމިއްޔާގެ އޮބްޒާވަރުން ރިޕޯޓްކޮށްފައިވާ ކަމަށާއި ނަމަވެސް %4 ވޯޓު މަރުކަޒުތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރު ނުވާކަމަށް ވެސް ރިޕޯޓްކުރެވިފައިވާ ކަމަށް މިއަދު އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔަނުގައި ވެއެވެ. އެ ފޮށިތައް އެ ޖަމިއްޔާއިން ގާތުން ބަލަމުންދާނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިންތިހާބީ ގައިޑްލައިންތަކަށް ތަބާވެ، މުޅި އިންތިހާބު ދުވަހު ވޯޓުގެ ސިއްރު ކަށަވަރުކޮށްދިނުމަށް ވޯޓުލާ އޮފިޝަލުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ވޯޓަރުންނަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އެދެއެވެ.