އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އިންތިހާބު ކާމިޔާބުވެއްޖެ ނަމަ މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ދޫކުރި ގޯތިތައް އަތުލާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ސޯސަން ޖަގަހަ ކަންމަތީގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޝާހިދު ވިދާޅުވީ، މާލެ ތޮއްޖެހި، "އެކަކު އަނެކަކު" ގައިމަތީގައި ދިރިއުޅެމުންދާތާ އެތައް ޒަމާނެވެގެން ދިޔައިރުވެސް ކުރީގެ ސަރުކާރުތަކުން ދައްކަމުން އައީ ބަހަނާ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ގޯތި ދޭނެ ކަމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވަމުން ކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރުން ގޯތި ކަނޑާ ބިމުގެ ރަޖިސްޓްރީ ދީފައި އޮތް ނަމަވެސް މުއިއްޒުގެ ވެރިކަމުގައި ހިއްކަން ނިންމާފައިވާ ފުށިދިއްގަރު ފަޅަށް އެ ގޯތިތައް ބަދަލުކުރަން އުޅޭ ކަމަށެވެ.

އަދި މުއިއްޒަކީ ގުޅިފަޅުގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފްލެޓް އަޅާފައި ފްލެޓް ދިން މީހުންގެ އަތުން އެތަންތަން އަތުލި ސަރުކާރުގެ ހައުސިން މިނިސްޓަރު ކަމުން، މާލޭގެ ރައްޔިތުންނަށް މިހާރު ދީފައިވާ ގޯތިތައް މުއިއްޒު އަތުނުލައްވާނެ ކަމަށް ނުވިސްނަންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ މިހާރު ހަވާލުކޮށްފައި ހުރި ގޯތިތައް އަތުނުލާނެ ކަމަށް ވިސްނައިވަޑައިނުގަންނަވާތި. އަތުލާނެކަން ޔަގީންކުރައްވާ އެ ބޭފުޅުން ވަޑައިގެންފިއްޔާ ދެން ތި ބޭފުޅުން އުޅުއްވަން ޖެހޭނީ ވާދޫ ކަނޑު ހުރަސްކޮށްފައި އޭގެ އެކޮޅުމަތީގައި (ފުށިދިއްގަރު ފަޅު)،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ގޯތިތައް އޮންނާނެކަން ކަށަވަރުކުރެވޭނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓުދެއްވައި އެމަނިކުފާނު އިންތިހާބު ވެގެން ކަމަށެވެ.