ރިޔާސީ އިންތިހާބާ ގުޅުވައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވި ބައެއް ކަންކަން ތަހުގީގުކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރިޔާސީ އިންތިހާބާ ގުޅުވައިގެން ހިންގާފައިވާ ކޮރަޕްޝަން ކަމަށް ތުހުމަތުކޮށް އެ އިދާރާއަށް 61 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކޮމްޕްލެއިންސް ބިއުރޯއިން ހުށަހެޅި ހަތަރު މައްސަލައަކާއި ސިޔާސީ ޕާޓީތަކުން ހުށަހެޅި ތިން މައްސަލައަކާއި އަމިއްލަ ފަރާތްތަކުން ހުށަހެޅި 26 މައްސަލައެއް އަދި ކާކުކަން ނޭނގޭ ގޮތަށް ހުށަހެޅި 28 މައްސަލައެކެވެ.
އޭސީސީން ބުނީ، އެ މައްސަލަތަކުގެ ތެރެއިން 29 މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް ފެންނާތީ އެކަންތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ރިޝްވަތު އަދި ނުފޫޒު ފޯރުވުމުގެ މައްސަލަތަކުގެ އިތުރުން، ރައީސް ސޯލިހު ވެވަޑައިގެންނެވި ބައެއް ވައުދުފުޅުތައް ކަމަށްވެސް ބުންޏެވެ.
- ބިންވެރިޔާ ސްކީމާ ގުޅޭ އެކި މައްސަލަތައް
- ޓެކްސީ ރަޖިސްޓްރީ ކުރަން 10,000 ރުފިޔާގެ ފީއެއް ނަގަން ހަމަޖެއްސުން
- ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް އެލަވަންސެއް ދިނުމަށް ހަމަޖެއްސުން
- ގަރާޖު ސިޓީ އުވާލުން
- ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދިނުމަށް ނިންމުން
- އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000 ރުފިޔާއަށް ބޮޑުކުރުން
- ކުދި ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ އިންޓަރެސްޓް ކަނޑާލުން
އޭސީސީން ބުނީ، އެ މައްސަލަތައް ބެލުމަށްފަހު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލު ކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު