އޭނާ އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަނެ، އަނިޔާވެރިވެފައި ނުވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"އަދަދު" ނޫހުން މިއަދު ވަނީ ސްރީ ލަންކާގައި ދިރިއުޅުއްވާ މުއިއްޒުގެ ދޮންމަންމާފުޅުގެ އިންޓަވިއުއަކުން ތަހުގީގީ ވީޑިއޯ ރިޕޯޓެއް ހަދައި އާންމުކޮށްފައެވެ. އެ ވީޑިއޯގައި މުއިއްޒުގެ ދޮންމަންމާފުޅު ވަނީ މުއިއްޒުގެ ބައްޕާފުޅު ނިޔާވި ފަހުން ދޮންމަންމާފުޅަށް ރާއްޖެއަށް ނާދެވޭ ގޮތަށް ހެއްދެވި ކަމަށް ވިދާޅުވެފައެވެ. އަދި މުއިއްޒުގެ ފަރާތުން އެއްވެސް އަޅާލުމެއް ނުލިބޭ ކަމަށް ދޮންމަންމާފުޅު ވިދާޅުވެފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ފުވައްމުލަކު ސިޓީއަށް މިރޭ ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، އޭނާއާ ގުޅޭ ގޮތުން ވާދަވެރި ފަރާތްތަކުން އެފަދަ ވާހަކަ ދައްކަނީ ވާދަވެރިން ރައްޔިތުންނަށް ހުށަހަޅާނެ އެއްޗެއް ނެތުމުން ކަމަށެވެ. އަދި އޭނާއާ ގުޅޭ ގޮތުން އެފަދަ ވާހަކަ ދައްކާ ބަޔަކު ފަލީހަތްވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަކީ ދުވަހަކުވެސް ގާނޫނާ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރި މީހެއް ނޫނޭ. ނުވެސް ކުރާނެމޭ. އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކުވެސް އަރައިގަތް މީހެއް ނޫނޭ، އަރައެއްނުވެސް ގަންނާނެމޭ. އަޅުގަނޑު އަބަދުވެސް ދަންނަވަމުން މި އަންނަނީ، އަޅުގަނޑު ގަބޫލުކުރާ ހަމައަކީ އަދި ކަންކުރާ ހަމައަކީވެސް ކޮންމެ ދުވަހަކު ގެއަށް ގޮސް އަރާމުގަ އަޅުގަނޑަށް ނިދާލެވެން ޖެހޭނޭ. ހިތަަށް ހިތްހަމަޖެހުން ލިބި، އެއްވެސް މީހެއްގެ ހައްގަކަށް އަޅުގަނޑު އަރައިނުގަންނަކަމުގެ ޔަގީންކަމާއެކީގައި" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން މައްސަލައެއް އޮތް ނަމަ ރަސްމީ އިދާރާތަކުން އެ މައްސަލައެއް ތަހުގީގު ކުރެވޭނެ ކަމަށާއި ނަމަވެސް އެކަމެއް ބައްލަވަން ޖެހޭނީ އިންސާފުވެރިކަމާއެކުގައި ކަމަށެވެ.
"އެއިރުން އެ ހަދާ ހުރިހާ ދޮގުތަކެއް މާ ރީތިކޮށް ފަލީހަ ވެގެންދާނެ" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އޭނާއާ ގުޅޭ ގޮތުން ކިތަންމެ ވަރަކަށް ދޮގު ވާހަކަ ދެއްކިޔަސް ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ނެތް ކަމަކަށް އަދި ރާއްޖޭގެ ކަނޑުން ބައެއް ނުގެއްލޭ ކަމަކަށް ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސޯދު އަނދަވަޅަކަށް ނުވެއްޓޭ ކަމަކަށް ނުވާނެކަމަށްވެސް ވިދާޅުވިއެވެ.