އޭނާގެ ސަރުކާރެއްގައި ނޫސްވެރިން ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބިގެންދާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ލ. ގަމަށް މިރޭ ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތް ކުރަން އަންނަ ސަރުކާރެއް ކަމަށާއި އެހެންކަމުން ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި ނޫސްވެރިން ބޭނުންވާ ހުރިހާ މައުލޫމާތެއް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށާއި ސަރުކާރު ހިންގާނީ ދެފުށް ފެންނަ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
"ސަރުކާރުގައި އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވާނަން. ރައްޔިތުންނަށް، ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެން ޖެހުނަކަ ނުދޭނަން. ރައްޔިތުންނަށް ފޮރުވައިގެން ކަމެއް ކުރުން ވެއްޖިއްޔާ ގައުމަކަށް ހަމަޖެހުމެއް ނާންނާނެ. މިހާރު މި އުޅެނީ ބުރިޖު އަޅަން ވިޔަސް އެ ބުރިޖުގެ އެގްރިމެންޓް ހާމަކޮށްފިއްޔާ ގައުމަށް ހަނޑޫ، ހަކުރެއް، ފުށެއް ނުލިބޭނޭ ބުނާ އަޑު މި އިވެނީ. ނަގާ ލޯނުގެ އިންޓްރެސްޓް ހާމަކުރަން ވެއްޖިއްޔާ ސުޕްރީމް ކޯޓާ ހަމައަށް ދާންއެބަޖެހޭ. މި ގޮތަކަށެއް ގައުމަކަށް ހަމަޖެހުމެއް ނާންނާނެ،" މުއިއްޒު ވިދާޅުވިއެވެ.
"ކޮން ކަމެއްތޯ ފޮރުވަން އޮތީ ރައްޔިތުންނަށް ހިދުމަތް ކުރަން އަންނަ ބަޔަކު. އަޅުގަނޑު ގާއިމުކުރާ ސަރުކާރެއްގެ ފޮރުވާނެ އެއްކަމެއް ވެސް ނޯންނާނެ"
މުއިއްޒު ވިދާޅުވީ އޭނާ ސަރުކާރު ހިންގާނީ ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަކަށް ކަމަށާއި މަގާމުތަކުގައި ތިއްބަވާނީ ޖަވާބުދާރީވެވަޑައިގެންނެވޭނެ ބޭފުޅުން ކަމަށެވެ.
"ޗެކް އެންޑް ބެލެންސް ފުރިހަމަ ގޮތުގައި ގާއިމުކުރާނަން. މިނިވަން މުއައްސަސާތައް ވާނީ ހާގީގީ މާނައިގައި އަމަލީ ގޮތުން މިނިވަން މުއައްސަސާތަކަކަށް. ޖުޑިޝަރީ ވާނީ ހަގީގީ މާނައިގައި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ޖުޑިޝަރީއަކަށް. އިރާދަކުރެއްވިއްޔާ މި މޭރުމުން މި ގައުމުގަ ހަމަޖެހުން ގެނެސްދޭނަން" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ރާއްޖޭގެ މިނިވަންކަން ޔަގީން ކުރެއްވުން ކަމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޑިޕްލޮމެސީގެ ރީތި މިސާލު ދައްކައިގެން ބާލުވާނެ ކަމަށެވެ. އެއަށްފަހު ރާއްޖޭގެ އިގުތިސޯދު ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަން ފަށާނެ ކަމަށް ވިދާޅުވިއެވެ.