މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލި ގޮތް މަޖިލީހުން ފާސްކޮށް، އެ ކޮމިޓީތަކަށް ލާނެ މެންބަރުންގެ ނަންތައް ފޮނުވަން އެންގުމުން، ކޮމިޓީތަކަށް ލާނެ މެންބަރުންގެ ނަންތައް މިހާތަނަށް ފޮނުވީ ހަމައެކަނި ތިން ޕާޓީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިއަދު ވިދާޅުވީ، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ބައެއް މެންބަރުން ޕާޓީތަށް ބަދަލު ކުރުމާ ގުޅިގެން، ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން، މަޖިލީހުގެ ދާއިމީ ކޮމިޓީގައި ހިމެނިފައިވާ ގޮތަށް ގެނައި ބަދަލު މިދިޔަ ބުދަ ދުވަހު މަޖިލީހުން ފާސް ކުރުމަށްފަހު، އެ ކޮމިޓީތަކުގައި ހިމަނަންޖެހޭ މެންބަރުންގެ ނަންތައް ބުރާސްފަތި ދުވަހުގެ 4:00 ގެ ކުރިން މަޖިލީހަށް ފޮނުވުމަށް، ޕާޓީތަކުގެ ޕީޖީ ގްރޫޕުތަކުގެ ލީޑަރުންނަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް މިހާތަނަށް މެންބަރުންގެ ނަތްތައް "މަޖިލީހުގެ އިދާރާއަށް ލިބިފައި ވަނީ ތިން ސިޔާސީ ޕާޓީއަކުން، އެއީ ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމް އާއި އަދި ޕީއެންސީން" ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން، މަޖިލީހުގެ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ނަންތައް މަޖިލީހުގެ އިދާރާއަށް މިހާތަނަށް ފޮނުވާފައިނުވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، "ޖޭޕީ، އެމްޑީއޭ، އެބޭފުޅުންވެސް އަދި ނުފޮނުއްވާ، އެހެންނަމަވެސް އެބޭފުޅުންގެ، ބޭފުޅުންނަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނެތް،" ކަމަށެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި، ކޮމިޓީތަކަށް މެންބަރުން ހަމަޖެއްސެވުމުގެ ކަންތައް ނިންމެވުމަށް ގަސްތު ކުރެއްވި ނަމަވެސް މިއަދު އެކަން ކުރެވޭ ގޮތް ނުވި ކަމަށެވެ. އެއީ އެ ޕާޓީތަކުން މެންބަރުންގެ ނަންތައް ނުފޮނުވުމާއި ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުމުންނެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލައި މިދިޔަ ބުދަ ދުވަހު މަޖިލީހުން ފާސްކުރީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީއަށް ބޮޑު އަގުލަބިއްޔަތެއް އޮންނަ ގޮތަށެވެ.
މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން، މަޖިލީހުގެ ދާއިމީ ކޮމިޓީގައި ހިމެނިފައިވާގޮތަށް ބަދަލު ގެންނަން ޖެހުނީ އެމްޑީޕީން ވަކިވެގެން ގޮސް ދަ ޑިމޮކްރެޓްސް އުފެއްދެވި މެންބަރުން، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅީގެން ކޮމިޓީތަކަށް އައި ބަދަލު ފާސްކުރީ މަޖިލިސް ޖަލްސާގައި ތިއްބެވި 37 މެންބަރުންގެ ތެރެއިން 16 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
- އާންމު ކޮމިޓީ: އެމްޑީޕީ 5، ޑިމޮކްރެޓްސް 2، އަމިއްލަ 1
- ޕެޓިޝަން ކޮމިޓީ: އެމްޑީޕީ 6، ޑިމޮކްރެޓްސް 2
- ސުލޫކު ކޮމިޓީ: އެމްޑީޕީ 8، ޑިމޮކްރެޓްސް 1، ޕީއެންސީ 1، އެމްޑީއޭ 1، ޖޭޕީ 1، އަމިއްލަ 1
- ގަވާއިދު ކޮމިޓީ: އެމްޑީޕީ 6، ޑިމޮކްރެޓްސް 2، ޕީޕީއެމް 1، އެމްޑީއޭ 1
- މާލިއްޔަތު ކޮމިޓީ: އެމްޑީޕީ 9، ޑިމޮކްރެޓްސް 2، ޕީޕީއެމް 1، ޕީއެންސީ 1، އެމްއެންޕީ 1، އެމްޑީއޭ 1
- އިގުތިސޯދީ ކޮމިޓީ: އެމްޑީޕީ 8، ޑިމޮކްރެޓްސް 1، ޕީޕީއެމް 1، ޕީއެންސީ 1، އެމްޑީއޭ 1، ޖޭޕީ 1، އަމިއްލަ 1
- އިޖުތިމާއީ ކޮމިޓީ: އެމްޑީޕީ 6، ޑިމޮކްރެޓްސް 2، ޕީޕީއެމް 1
- މިނިވަން މުއައްސަސާތަކުގެ ކޮމިޓީ: އެމްޑީޕީ 8، ޑިމޮކްރެޓްސް 2، ޕީޕީއެމް 1، އެމްއެންޕީ 1
- ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ: އެމްޑީޕީ 7، ޑިމޮކްރެޓްސް 2، ޕީޕީއެމް 1، ޕީއެންސީ 1، އެމްއެންޕީ 1
- ތަރިކައިގެ ކޮމިޓީ: އެމްޑީޕީ 6، ޑިމޮކްރެޓްސް 2
- ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ: އެމްޑީޕީ 8، ޑިމޮކްރެޓްސް 1، ޕީޕީއެމް 1، ޕީއެންސީ 1، އެމްއެންޕީ 1، އަމިއްލަ 1
- ލާމަރުކަޒީ ކޮމިޓީ: އެމްޑީޕީ 7، ޑިމޮކްރެޓްސް 1، ޕީޕީއެމް 1، އަމިއްލަ 1
- ޖުޑިޝިއަރީ ކޮމިޓީ: އެމްޑީޕީ 7، ޑިމޮކްރެޓްސް 1، ޕީޕީއެމް 1، ޖޭޕީ 1، އަމިއްލަ 1
- އެންވަޔަރަމަންޓް ކޮމިޓީ: އެމްޑީޕީ 7، ޑިމޮކްރެޓްސް 2، ޖޭޕީ 1
- ހިއުމަން ރައިޓްސް ކޮމިޓީ: އެމްޑީޕީ 7، ޑިމޮކްރެޓްސް 2، އެމްއެންޕީ 1
- އެސްއޯއީ ކޮމިޓީ: އެމްޑީޕީ 8، ޑިމޮކްރެޓްސް 2، ޕީޕީއެމް 1، ޕީއެންސީ 1، އެމްއެންޕީ 1
- 241 ކޮމިޓީ: އެމްޑީޕީ 10، ޑިމޮކްރެޓްސް 2، ޕީޕީއެމް 1، ޕީއެންސީ 1، އެމްއެންޕީ 1، ޖޭޕީ 1، އެމްޑީއޭ 1، އަމިއްލަ 1
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު