ޚަބަރު

ރައީސް ސޯލިހަށް ތާއީދުކުރަން ނިންމީ އިސްލާހީ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރަން: އަމީން

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމެވީ އިސްލާހީ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓް އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ކަންކަން ބަދަލުވަމުން އެނބުރެމުން އައި އައުމުގައި އަމިއްލަ ހައިސިއްޔަތުން އެހެން ވިސްނުމަކަށް ދާން ކަމަށް ވިސްނުނު ކަމަށާއި އުފެދުނު ސުވާލަކަށްވީ މިފަހަރު ވާނީ ހާލަތުގެ އަޅަށްތޯ ނޫނީ ތަން ރިފޯމުކޮށް އިސްލާހުކުރާ އެޖެންޓަކަށްތޯ ކަމަށެވެ.

"އެ ފިކުރުގައި މިތިބީ، އެ ފިކުރުގައި މިހުރީ. އަޅުގަނޑުގެ ޒަމީރު ގަބޫލުކުރީ އަޅުގަނޑުމެން ވާން ޖެހޭނީ އަބަދުވެސް އަޅުގަނޑުމެންގެ ލަޔާގަތާއި ގާބިލުކަން ހުރި މިންވަރަކުން އިސްލާހު ގެންނަން، ތަރައްގީކުރަން، ހެޔޮ ބަދަލު ހޯދަން މަސައްކަތްކުރާ ޗޭންޖް އެޖެންޓަކަށް. އަޅުގަނޑާއެކު ތިބޭފުޅުންގެ މަސައްކަތާ މި ގުޅުނު ކޮންމެ ބޭފުޅަކީ އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް އިންތިހާބުގައި، އަދި ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ޗޭންޖް އެޖެންޓެއް، އިސްލާހަށް މަސައްކަތްކުރާނެ މީހެއް، އެ އިސްލާހު ގެނައުމަށްޓަކައި ބުރަ މަސައްކަތްކުރާނެ މީހެއް،" އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ރައީސަށް ތިން ކަމެއް ހުށަހަޅުއްވާފައިވާނެ ކަމަށާއި އެ ތިން ކަންތަކަށް ރައީސް މިރޭ ވަރަށް ފުރިހަމަ ޖަވާބެއް ދެއްވާފައިވާ ކަމަށެވެ. އަދި ފުރަތަމަ ބުރުގައި އެންމެ ގިނަ މީހުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ނުވަތަ ހުށަހެޅުމަކަށްވީ ނުވަތަ އެ ވާހަކައެއް ދެއްކި ވާހަކައަކަށްވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލުގެ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ލިބިފައި ހުރި މައުލޫމާތުގެ އަލީގައި އަޅުގަނޑުމެން އެ ވާހަކަދެއްކިން. އަޅުގަނޑު ބޭނުންވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގައި އަޅުގަނޑުމެން މި ދެއްކި ވާހަކަ އަލުން އަނބުރާ ދައްކަން ނުޖެހޭ ފެންވަރަށް، އެ ޝަކުވާތައް އަލުން އަނބުރާ ނާންނަ މިންވަރަށް ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ކަށަވަރުކަން ދެއްވުން. މި ސަރުކާރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށްދޭނެކަމުގެ ޔަގީންކަން، އެ ކަށަވަރުކަން ދެއްވުން. މިރޭ އެމަނިކުފާނު އެ ކަށަވަރުކަން އެ ދެއްވީ. އެއީ އަޅުގަނޑު މިތަނަށް އައި އެއް ސަބަބަކީ،" އޭނާ ވިދާޅުވިއެވެ.

އަމީން އިތުރަށް ވިދާޅުވީ ރައީސް ސޯލިހު އެންޑޯސްކުރެއްވީ ކަންކަން ތަންފީޒުކުރެވެމުން، އިސްލާހުކުރެވެމުންދާތީ އެ ލިބޭ ޔަގީންކަމާއި އެ ލިބޭ އުންމީދުގެ ސަބަބުން ކަމަށާއި މިއަދު ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާ ކަމަށެވެ.