ޕީޕީއެމްގެ ވެރިކަމެއްގައި އަދިވެސް އޮންނާނީ މީހުން ހައްޔަރުކޮށް ހުކުމްކުރުން ކަމަށާއި މިހާރު ހައްޔަރުކުރާނެ މީހުންގެ ލިސްޓުތައް ހަދަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގަތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ބޭއްވި ހުވަދޫ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އިލްހާމް ވިދާޅުވީ ޕީޕީއެމް ވެރިކަމަށް އައިސްފިއްޔާ، ދިވެހި ސިފައިންނާއި ފުލުހުން އަބަދުވެސް ތިބެން ޖެހޭނީ ގޭންގުތަކުން ކޮންމެވެސް މާރީމާރީއެއް ފަދަ ކަމެއް ހިންގައިގެން އެކަމުގައި ކަމަށާއި ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ވެސް ފެނިގެންދިޔައީ އެކަން ކަމަށެވެ.
"ޕީޕީއެމަށް ވެރިކަން ލިބިއްޖެއްޔާ ކޯޓުގެ ދައުރަކަށް ވާނީ މީހުން ހިފައި ހައްޔަރުކުރުން، ރޭގަނޑު ދަންވަރު ކޯޓުން އަމުރު ނެރުން. ޕީޕީއެމަށް ވެރިކަން ލިބިއްޖެއްޔާ ކޯޓުތަކާއި އެތަންތަނުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް އޮންނާނެ ކަމަކީ ރޭގަނޑު ހޭލާ ތިބެގެން ފަހަރަކު އަމުރެއް ނެރުން، މިނޫން އެއްވެސް ގޮތެއް ނޯންނާނެ. ހަރާމް ހުކުމް ނެރެން ޖެހޭނީ. އެހެންވީމާ ކޮބައިތޯ ޗޮއިސްއަކީ، ތިބޭފުޅުންގެ ޗޮއިސްއަކީ ތިބޭފުޅުންނާއި ތިބޭފުޅުންގެ އާއިލާތައް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުދެއްވުން. ދިވެހި ސިފައިންނާއި ފުލުހުންނަށް ކޮން ކަމެއްތޯ އޮންނާނީ، ފުރާޅުން ޓިނު ނެގުން، މީހުން ހިފައި ހައްޔަރުކުރުން، ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަންވެގެން އެކަން ކުރުން، ފަހުން އޭގެ މައްޗަށް ހުކުމެއް އައުން، މިއީ ކުރައްވަން ޖެހޭ ކަމަކީ،" އޭނާ ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ޖުޑިޝަރީގައި މިހާރު ތިއްބެވި ހުރިހާ ބޭފުޅުން ބޭރުކުރުމަށްޓަކައި ޕީޕީއެމުން މިހާރު ރާވަމުންދާ ކަމަށާއި ފުލުހުންގެ ތެރެއިން ބޭފުޅުންތަކެއް ބޭރުކޮށްލުމަށްޓަކައި ވެސް ރާވަމުންދާ ކަމަށެވެ. އަދި ޕީޕީއެމްގެ ވެރިކަމެއްގައި ދެން ވެސް ފެނިގެންދާނީ އަނިޔާވެރިކަމާއި، ނުތަނަވަސްކަމާއި، ހިތްދަތިކަން ކަމަށް އޭނާ ވިދާޅުވިއެވެ.
"މީހުން ހިފައި ހައްޔަރުކުރަން އެދަނީ ލިސްޓުތަކެއް އެކުލަވާލެވި، އެދަނީ އިއުލާންކުރަމުން. ދިވެހި ސިފައިންނާއި ފުލުހުންގެ މައްޗަށް މިއަދު ވާޖިބު މި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުދެއްވުން. މި ރާއްޖެއަށް ނާމާން، ކަޅު އަނދިރި ދުވަސްތައް ނުގެނައުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުދެއްވުން. ތި ދިވެހި ފުލުހުންނާއި ސިފައިން ނުކުމެއްޖެއްޔާ އެ އަނިޔާވެރި ދުވަސްތަކެއް ނާންނާނެ. މިފަހަރު މިސްޓޭކު ނުހައްދަވާތި. އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން އާދޭހަކު މި އެދެނީ އެ މިސްޓޭކު ނުހައްދައްވައްޗޭ،" އޭނާ ވިދާޅުވިއެވެ.
އިލްހާމް އިތުރަށް ވިދާޅުވީ ޖަލުގައި ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް އެމަނިކުފާނުގެ ލެގަސީ ހިފެހެއްޓުމަށް ބޭނުންފުޅުވާ ކަމަށްވާ ނަމަ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ކެރިވަޑައިގެން ގޮތް ނިންމެވުމަށް ރައީސް ޔާމީނަށް އިލްތިމާސްކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އިލްހާމް ވަނީ ރޭގެ ޖަލްސާގައި އެމްޑީޕީއަށް ސޮއިކުރައްވައިފައެވެ.