މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން ނިންމަވައިފިއެވެ.
އެމްއާރްއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ވިދާޅުވީ، މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސަންޓު ލިބިވަޑައިނުގެންނެވުމުން ދޭހަވަނީ އެއްވެސް ކެންޑިޑޭޓަކަށް ފުރިހަމަ މެނިފެސްޓޯއެއް ހުށަހެޅިފައިނުވާކަން ކަމަށެވެ.
ފާރިސް ވިދާޅުވީ، ފުރަތަމަ ބުރުން އޭނާއަށް ލިބިވަޑައިގެން ވޯޓުން ދައްކުވައިދެނީ ރައްޔިތުންގެ މާބޮޑު ތާއީދެއް އޭނާއަށް ނެތްކަން ކަމަށެވެ. އަދި ދެވަނަ ބުރެއްގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރި ނަމަވެސް އޭނާއަށް ވޯޓުލީ ރައްޔިތުން އެ ކެންޑިޑޭޓަކަށް ތާއީދުކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ފުރަތަމަ ބުރުގައި 2،979 ލިބިވަޑައިގެންނެވި ފާރިސް ވަނީ ދެ ވަނަ ބުރުގައި އޭނާގެ ޓީމުން އަމަލުކުރާނެ ގޮތެއް ނިންމުމުގެ ކުރިން، އެކުގައި މަސައްކަތް ކުރުމަށް ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯދި ޕީއެންސީއަށްވެސް އަދި އެމްޑީޕީއަށްވެސް ހުށަހެޅުންތައް ހުށަހަޅުއްވައިފައެވެ.
ފާރިސް ވިދާޅުވީ، އެ ޕާޓީތަކާއެކު ކުރި މަޝްވަރާތައް ވަރަށް ދިގުލައިގެން ގޮސްފައިވާ ކަމަށާއި މަސައްކަތް ކުރަމުން ދިޔައީ ގައުމު އިސްލާހުކުރުމަށް ކުރަން ޖެހޭ މުހިންމު ކަންކަން އެ ބޭފުޅުންގެ މެނިފެސްޓޯއަށް އިތުރުކުރެއްވުމަށް ކަމަށެވެ
އޭނާގެ ޓީމުން ބޭނުންވަނީ މުޅި ސިޔާސީ ސިސްޓަމަށް އިސްލާހީ ބަދަލުތަކެއް ގެނައުންކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވީ، ބޮޑު ޕާޓީއަކާ ގުޅިގެން އެ ކަންކަން ކުރަން ދަތިވާނެ ކަމަށާއި އެއީ އެ ޕާޓީއެއްގެ އާއްމު މެންބަރުންގެ މަސްލަހަތު މުޅި ރައްޔިތުންގެ މަސްލަހަތަށްވުރެ އިސްކުރާނެކަން ޔަގީންކުރެވޭތީ ކަމަށެވެ.
"ޕާޓީތައް ފަންޑުކުރަމުންދާ ގޮތަށް ބަލާއިރު މުޅި އާންމު ރައްޔިތުންގެ މަސްލަހަތަށްވުރެ އެހެން ބައެއްގެ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރޭ. އެހެންކަމުން އަޅުގަނޑުމެން މި ހެދި ކަހަލަގެ މެނިފެސްޓޯއެއް އެ ޕާޓީއެއްގެ ތެރެއިން ގެނައުމަކީ ނާދިރުކަމެއް. އަދި ހަމަ އެހެންމެ އަޅުގަނޑުމެން މި ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތައް ވަކި ބޮޑު ޕާޓީއެއްގެ ވެރިކަމެއްގައި ގެންނަން ދަތިވާނެ ކަމަށް ގަބޫލުކުރެވޭ. އެހެންވެ، އަަޅުގަނޑުމެން ނިންމާފައިމިވަނީ ދެވަނަ ބުރުގައި އެއްވެސް ވަކި ފަރާތަކަށް ތާއީދު ނުކުރާ ގޮތަށް،" ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ، ރިޔާސީ އިންތިހާބަށް އޭނާ ހުށަހެޅުއްވި މެނިފެސްޓޯއަކީ ޕްލެޓްފޯމެއްގެ ގޮތުގައި ބަލައި، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހަށް އެމްއާރުއެމުން ގިނަ އަދަދެއްގެ ކެންޑިޑޭޓުންތަކެއް ވާދަކުރުމަށް ނުރުމުގެ މަސައްކަތް ކުރައްވާނެ ކަަމަށެވެ.
ފާރިސް އިތުރަށް ވިދާޅުވީ، ކޮންމެ ސަރުކާރެއް އައި ނަމަވެސް އެ ސަރުކާރަކުން އެ ބޭފުޅުންގެ ފަންނީ އެހީތެރިކަން ބޭނުންނަމަ އެކަން ފޯރުކޮށްދޭނެ ކަމަށެވެ.