ރީ ރަޖިސްޓްރޭޝަން ގިނަވެފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ނުލާ މީހުން ހޯދައި، އެމީހުންނަށް ވިސްނައިދިނުމުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ބޭއްވި މާފަންނު ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއީ މިހާތަނަށް ރާއްޖޭގެ އިންތިހާބެއްގައި އެންމެ މަދުން ވޯޓުލީ އިންތިހާބު ކަމަށާއި އަމާޒަކަށް ވާންވީ އެއް ކަމަކީ ވޯޓުލާ މީހުންގެ ޕަސަންޓޭޖު މަތިކުރުން ކަމަށެވެ. ވޯޓު ނުލާ މީހުން ވޯޓު ނުލީ ސަބަބު ހޯދައި، އެމީހުން ހޯދައި އެމީހުންނަށް ވިސްނައިދީ، ވޯޓު ފޮއްޓާ ހިސާބަށް ގެންދަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ހިތުން އެމްޑީޕީ މިއަދު ވަނީ އެކަމަށް ތައްޔާރުވެފައި. އޭގެ ފުރަތަމަ ހެކި މިއަދު އެ ފެނުނީ. ރީ ރެޖިސްޓްރޭޝަންގައި 47،000 މީހުން ރަޖިސްޓަރީ ކުރުމުން އޭގެ ކަންބޮޑުވުންތައް އެބޭފުޅުން އެ އުފުލަނީ އެހެންވެގެން. މިއަދު އިލެކްޝަނަށް ގޮސް އެ އެދެނީ ލިސްޓު ދޭށޭ، ތިމަންނަމެން ބަލަން ބޭނުމޭ. އެމީހުން ވެސް މަސައްކަތްކުރި ނަމަ، އެކަން ވާނެނޫންތޯ. ގައިމުވެސް އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ލިސްޓު ހޯދާކަށް ނުދޭ. މިއަދު އިލެކްޝަންސް ކޮމިޝަނާ ދޭތެރޭގައި އެބޭފުޅުން އެދަނީ ޝައްކު ކުރަމުން. އެއް ބުރު ނިމިއްޖެ، އަޅުގަނޑުމެން މިތިބީ ހަމަޖެހިގެން. އަޅުގަނޑުމެންނަށް ހަމަ ޔަގީނުންވެސް އެނގޭ އިރާދަކުރެއްވިއްޔާ މި ކުރާ މަސައްކަތުން މިއީ އަޅުގަނޑުމެންނަށް ކާމިޔާބުކުރެވޭނެ ކަމެއްކަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުރަތަމަ ބުރަށް ދެ މަސް ދުވަހުގެ ކެމްޕޭނެއް ކުރެވުނު ކަމަށާއި ޖުލައި ނުވަވަނަ ދުވަހުން ފެށި ގޮތަށް ގޮސް، ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހާ ހިސާބަށް ކޮންމެ މީހަކު ހިތުން އަޑިން ބުރަކޮށް ވަރަށް ގިނަ މަސައްކަތްކުރި ކަމަށެވެ. އަދި ފުރަތަމަ ބުރުގައި ގިނަ ކަންތައްތަކެއް ފާހަގަވެގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދެވަނަ ބުރަށް އަޅުގަނޑުމެން ތައްޔާރުވާ އިރުގައި، އަޅުގަނޑުމެން ވިސްނާލަން ޖެހޭ އެއް ކަމަކީ އަޅުގަނޑުމެން އެ ދެ މަސްދުވަހުގެ ތެރޭގައި ކުރީ ކޮން ކަމެއްތޯ، އެ ދުވަހުގެ ނަތީޖާއިން އެ ފުނުނީ ކޮން އެއްޗެއްތޯ، އަޅުގަނޑުމެންނަށް ނުކުރެވުނީ ކޮން ކަމެއްތޯ. އަޅުގަނޑު ހިތުން އަޅުގަނޑުމެން ކޮންމެ މީހަކު މިއާ ދޭތެރޭގައި ފުންކޮށް ވިސްނަން ޖެހޭނެ. އެކި ބޭފުޅުންނާ، އެކި މީހުންނާ ހަވާލުކޮށްފައި ހުރީ އެކި ކަންތައްތައް. އަޅުގަނޑުމެންގެ އުންމީދު އެ ދުވަހު ވަރަށް ބޮޑު. އެހެންނަމަވެސް ހަމަގައިމުވެސް ކޮންމެވެސް ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރަންވީ ގޮތަށް ނޫން ގޮތަކަށް ނޫނީ ނުކުރެވި އޮތުމުގެ ސަބަބުން އަޅުގަނޑުމެން ދެވަނަ ބުރަކަށް އަންނަން ޖެހުނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުރަތަމަ ބުރުގެ ނަތީޖާއަކީ ވަކިވަކި ބޭފުޅުން މުޅިން ޒިންމާ ނަގަންވީ ކަމެއް ނޫން ކަމަށާއި އެންމެން އެކީގައި ޒިންމާ ނަގައި، ކޮންމެ މީހަކާ އެ ހަވާލުކުރެވުނު ކަންތައްތަކުގެ ތެރެއިން ކުރެވުނީ ކޮން ކަމެއްތޯ، ނުކުރެވުނީ ކޮން ކަމެއްތޯ ބަލައި އަލުން އެތުރިލަންވީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު