ޚަބަރު

ނަޝީދަށް އިންސާފު ހޯދައިދެވޭނީ އަޅުގަނޑުގެ ސަރުކާރެއްގައި: މުއިއްޒު

މުހައްމަދު އިޝާން

އެމްޑީޕީގެ ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއަށް އިންސާފު ހޯދައިދެވޭނީ އޭނާގެ ވެރިކަމެއްގައި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގެ ތެރެއިން ފަރިދީ މަގުގައި ސްޓެޓިކް ކުރިމަތީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ސަރުކާރުން ދޭންޖެހޭ ސަމާލުކަން ދީފައިނުވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިގޮތުން ބަލާއިރުގައި ހަމަ ފާހަގަކޮށްލަން ބޭނުން. ޑިމޮކްރެޓްސް ޕާޓީގެ މިހާރުގެ ރައީސް ނަޝީދު، އެ މަނިކުފާނަށް މާލޭގެ މެދުގައި މަޖީދީ މަގުގައި ދިން އަނިޔާވެރި އުދުވާނީ ހަަމަލާ. އެ ހަމަލާގައި އެ މަނިކުފާނަށް އިންސާފު ހޯދައިދެވިފައިނުވޭ. ސަރުކާރުން އެކަމަށްޓަކައި ދޭން ޖެހޭ ސަމާލުކަން ދީފައިނުވޭ. އެހެންވީމާ އިންސާފުވެރި ސަރުކާރެއް ގާއިމުކުރަން އަޅުގަނޑުމެން މި އަންނަނީ. އިރާދަކުރެއްވިޔާ އެ މަނިކުފާނަށް ވެސް އިންސާފު ހޯދައިދޭ އަޅުގަނޑުމެން ގާއިމުކުރާ ސަރުކާރުގަ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރައްޔިތުންގެ އުއްމީދުތައް ހާސިލުވެގެންދާނެ ކަމަށެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ހަމަހަމަކަމާ އެކު ތަފާތު ކުރުމެއްނެތި ހަމަޖެހުމާއި އަދުލުވެރި އަދި އިންސާފުވެރި ވެރިކަމެއް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިންސާފުވެރި ޖުޑިޝަރީއެއް ވަކި މީހަކަށް ނުވަތަ ވަކި މަގާމެއްގައި ހުރި މީހަކަށް ތަފާތުކުރުމެއް ނެތި އިންސާފު ކަންކަން ކުރާނެ ސަރުކާރެއް ގާއިމް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ގައުމަށް ހަމަޖެހުން އަންނަނީ އަދުލުވެރިކަން ލިބިގެން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް ވެސް ހައްލެއް ލިބިގެންދާނީ އިންސާފުވެރިވެގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ވެސް ގެދޮރުވެރިކަމުގެ ކަންކަން އިންސާފުން ކުރިއަށް ގެންދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ ބޯހިޔާ ވަހިކަމުގެ މައްސަލައަށް ހައްލު ނުހޯދުމުގެ ސަބަބުން މީހުން ދިރިއުޅެނީ 10 ފޫޓު ކޮޓަރިތަކުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. މާލޭ ރައްޔިތުންނަށް ދިމާވެފައިވާ އެ މައްސަލަ 2،000 ފުލެޓް ހެދިޔަސް ހައްލުނުވާނެ ކަމަށެވެ. އެހެންވެ އޭނާ ނިންމަވާފައިވަނީ ގުޅީފަޅު އަދި ގިރާވަޅު ޕްލޭނެއްގެ ދަށުން ތަރައްގީކުރެއްވުން ކަމަށެވެ.