ޚަބަރު

ރިޔާސީ އިންތިހާބާ ގުޅޭ 32 މައްސަލައެއް އޭސީސީން ބަލަނީ

އިބްރާހިމް ޒަކީ

މިމަހު ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ 32 މައްސަލައެއް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އިންތިހާބާ ބެހޭ ގިނަ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަަލަތައް ނުބަލައި އެ ކޮމިޝަން އޮތީ ނިދާފައި ކަމަށްބުނެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރި ތުހުމަތުތަކާ ގުޅުގެން އޭސީސީން މިއަދު ބުނީ، ރިޔާސީ އިންތިހާބާ ގުޅިގެން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ޖުމުލަ އަދަދަކީ 32 ކަމަށެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން މިހާތަނަށް ސީދާ ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވަނީ ޖުމުލަ ތިން މައްސަލަ ކަމަށް ވެސް އޭސީސީން ބުންޏެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބާ ގުޅިގެން ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅާފައިވާ، އިލެކްޝަންސް ކޮމިޝަނުގެ އިހްތިސާސްތެރޭގައި ނުހިމެނޭ ހަތަރު މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން އޭސީސީއަށް ފޮނުވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

"އެނޫން އެއްވެސް މައްސަލައެއް ނުވަތަ ޝަކުވާއެއް، އިންތިހާބީ ރިޝްވަތާ ގުޅޭގޮތުން އަދި އިންތިހާބާ ގުޅިގެން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމާ ގުޅޭގޮތުން ނަމަވެސް، ނުވަތަ އެހެން ފަރާތަކުން އީސީއަށް ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅިގެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މި ކޮމިޝަނަށް ފޮނުވާފައެއް ނުވޭ،" އޭސީސީން ބުންޏެވެ.

އިންތިހާބާ ބެހޭ މައްސަލަތައް އޭސީސީން ބަލަމުންނުދާ ކަމަށްބުނެ، ޕީއެސްސީގެ ނާއިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ އޭސީސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މި އިންތިހާބުގެ ތެރޭގައި އޭސީސީ އޮތީ ނިދާފައި ކަމަށެވެ. އަދި ވެރިކަން ލިބުމުން އޭސީސީއަށް ބަދަލު ގެންނާނެ ކަމުގެ އިންޒާރުވެސް ޕީއެންސީން އިއްޔެ ވަނީ ދީފައެވެ.