ވާދަވެރިންނަށް ރައްދު ދިނުމުގެ ގޮތުން، ވާދަވެރިންނާ އެއް ދަރަޖައަކަށް ވެއްޓިނުގަތުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ށ. ފުނަދުއަށް މިއަދު ވަޑައިގެން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ސިޔާސީ ވަކި ބަޔަކު އައިސް ކަންތައްތައް ކުރި ގޮތުގެ ސަބަބުން މުޖުތަމައުގެ ސުލްހަ މަސަލަސްކަމާއި އެކުވެރިކަމާއި ހަމަނުޖެހުން ގެއްލިފައި ކަމަށެވެ. އޭނާ ވިދާޅުވީ ގައުމުން ނެތެމުންދާ ރީތި އާދަތައް އަނބުރާ އަށަގަންނުވަން ޖެހޭ ކަމަށެވެ. ރިވެތި ކަންކަމުގައި އެކަކު އަނެކަކާ ވާދަކޮށް، ރީތި ގުޅުމެއް ބާއްވަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ސިޔާސީ ކަންކަމުގެ ތެރޭގައި އުޅޭއިރުގައި ހިތްހަމަނުޖެހޭ ކަންކަންތައް ކުރާނެ ފަރާތްތައް ދިމާވާނެ. އެހެންނަމަވެސް އަޅުގަނޑުމެން ވާން ޖެހޭނީ އެކަންކަން ކުރާ މީހުން އެ ވެއްޓޭ ދަށް ލެވެލްއަށް ނުވެއްޓި ތިބޭ ބަޔަކަށް،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ދިމާވާ ހިތްހަމަނުޖެހޭ ކަންކަމަށް އަމަލާއި ބަހުން ރީތި މިސާލު ދައްކާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.
"އެއް ގޮތަކަށް ވެސް އަޅުގަނޑުމެންގެ ސިޔާސީ ވާދަވެރިޔާ، އަޅުގަނޑުމެންނާ ދިމާޔަށް އެއްޗެއް ބުނީ ނޫނިއްޔާމުން ރުޅި އަންނަ ކަހަލަ ކަމެއް ކުރީ. އެހެންނަމަވެސް އަޅުގަނޑުމެން ވެގެން ނުވާނެ އެއަށް ރައްދު ދިނުމުގެ ގޮތުން އެ ފަރާތުން އެކަން ކުރި ފެންވަރަށް އަޅުގަނޑުމެން ވެއްޓޭކަށް،" މުއިއްޒު ވިދާޅުވިއެވެ.
އެފަދަ ފަރާތްތަކަށް މިސާލު ދައްކަން ޖެހޭނީ އެއަށްވުރެ ރީތި ގޮތެއްގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. ތައުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ރީތި އާދަތައް ދަސްކޮށްދޭ އިރު، ރީތި މިސާލު ދެއްކުމުގެ އާދަ މުޖުތަމައުގެ ތެރޭގައި އަށަގަންނުވަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު