ވީހާވެސް ގިނަ ރައްޔިތުން އެ ރައްޔިތުންގެ ވޯޓު ދިނުމުގެ ހައްގުގެ ބޭނުން ހިފަން އުޅުމަކީ އިންތިހާބެއްގައި ވާދަކުރައްވާ ކެންޑިޑޭޓަކު ކަންބޮޑުވާން ޖެހޭ ކަމެއްނޫން ކަމަށްވިދާޅުވެ، އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑ. މުހައްމަދު މުއިއްޒަށް އެމްޑީޕީގެ ސްޕޯކްސްޕާސަން އަނަސް އަބުދުއްސައްތާރު ރައްދު ދެއްވައިފިއެވެ.
އަނަސް، މުއިއްޒަށް ރައްދު ދެއްވާފައި މިވަނީ، މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް، ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލާފައިވާ ފުރުސަތުގައި މިހާތަނަށް 25،000 އަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނުމުން އެކަމާ ސުވާލު އުފައްދަވައި، އެކން ބެލުމަށް މުއިއްޒު ގޮވައިލެއްވުމާ ގުޅިގެންނެވެ.
މުއިއްޒު ވިދާޅުވީ އެހާ ގިނަ އަދަދަކަށް ރީ ރަޖިސްޓްރީ ކުރުމަށް މީހުން ހުށަހަޅާފައިވުމުން ސުވާލު އުފެދޭ ކަމަށެވެ.
އެހެން ކަމުން ދެވަނަ ބުރުގައި ވޯޓުލުމަށް، އެހާ ގިނަ މީހުން ދެ ދުވަހުގެ ތެރޭގައި ރީ-ރެޖިސްޓްރޭޝަނަށް ހުށަހެޅުމަކީ، ސީރިއަސްކޮށް ބަލަން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވެ، ސިޔާސީ ޕާޓީތަކުންނާއި، އިންތިހާބުގެ މޮނިޓަރުންނާއި، އޮބްޒާވަރުންގެ އިތުރުން ކަމާބެހޭ ހުރިހާ ފަރާތްތަކުން އެކަން ބެލުމަށް މުއިއްޒު ވަނީ ގޮވާލައްވައިފައެވެ.
އެކަމާ ގުޅިގެން މުއިއްޒަށް ރައްދު ދެއްވައި އަނަސް މިއަދު ވިދާޅުވީ، "ވީހާވެސް ގިނަ ރައްޔިތުން އެ ރައްޔިތުންގެ ވޯޓު ދިނުމުގެ ހައްގުގެ ބޭނުން ހިފަން އުޅުމަކީ އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓަކު ކަންބޮޑުވާން ޖެހޭ ކަމެއްނޫން، އެއީ އެކަމަށް ހިތްވަރުދީ އެ ހައްގުގެ ބޭނުން ހިފާތީ އުފާ ކުރަން ވީވަރުގެ ކަމެއް،" ކަމަށެވެ.
އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީވުމަށް އީސީން ދީފައި ވަނީ ތިން ދުވަހުގެ މުއްދަތެކެވެ. އެއީ މިދިޔަ ހުކުރު ދުވަހު ހަވީރު 03:00 އިން މިއަދު ހަވީރު 04:00އާއި ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، މިފަހަރު ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރަތަމަ ދުވަހު އެކަނިވެސް 9206 މީހުން ފޯމް ހުށައަޅާފައިވާކަމަށެވެ. އޮންލައިންކޮށް ފުރަތަމަ ދުވަހު 7267 މީހުން ފޯމް ހުށައަޅާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ ދެވަނަ ދުވަހު 16287 މީހުން ރީ-ރަޖިސްޓްރީކުރުމަށް ފޯމް ހުށަހަޅާފައިވާއިރު، އޮންލައިންކޮށް އެކަނިވެސް 11082 ފޯމް ހުށައަޅާފައިވާ ކަމަށެވެ.
ރީރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން، 10271 މީހުން މިހާތަނަށް ރީ-ރަޖިސްޓަރީ ކޮށްދީފައިވާކަމަށް ވެސް ހަބީބު ވިދާޅުވިއެވެ. އަދި އެކިއެކި ސަބަބުތަކާ ހުރެ، މިހާތަނަށް 1546 ފޯމު ރިޖެކްޓް ކޮށްފައިވާ ކަމަށާއި، ފޯމުތައް ރިޖެކްޓް ވަނީ، ހުށަހަޅަން ޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
އިލެކްޝަނަށް އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން، ނުނިމި ހުރި ކަމަށް ދައްކަނީ، އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ މުޅިން ނުނިމޭތީ ކަމަށާއި، ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް، ރީ-ރަޖިސްޓަރީ ކުރެވުނުކަމުގެ މެސެޖް ލިބޭނެކަމަށް ހަބީބު ވިދާޅުވިއެވެ. ހަބީބު ވިދާޅުވީ، މިއަދުގެ ހަވީރު 4:00 ގެ ކުރިން، ރީ-ރަޖިސްޓަރީ ކުރަން ހުށަނާޅައިފިނަމަ، އެކަމަށް އިތުރު ފުރުސަތެއް ނުލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު