މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ތާއީދު ކުރާނެ ކެންޑިޑޭޓަކާ މެދު ގޮތެއް ނުނިންމައި މަޑުކުރެވެން ނެތް ކަމަށް އެ ޕާޓީގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ ނުވަވަަނަ ދުވަ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް ސޯލިހެވެ. ދެވަނަ ބުރަކަށް އެ ދެ ޕާޓީއަށް ވެސް ޑިމޮކްރެޓުން ހުށަހެޅި ޝަރުތަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދު އަލުން ގޮތެއް ކަނޑައަޅަން ފެންނަ ނުފެންނަ ވޯޓެއް މި މަހުގެ 25 ވަނަ ދުވަހު ނެގުމަށެވެ.

ދޮންމަނިކު ސްކައިވިއު ގައި ދަ ޑިމޮކްރެޓްސްގެ މެންބަރުންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެއްވެސް ޕާޓީއަކަށް ކުރި ނުހޯދުމުން އިއްތިހާދުތަކެއް އުފައްދަން ޕާޓީތަކަށް މަޖުބޫރުވާ ކަމަށެވެ. އެއީ ގާނޫނު އަސާސީއާއި ބީރަށްޓެހިކަމެއް ކަމަށާއި އިއްތިހާދު ހެދުމަކީ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ، އިއްތިހާދުތައް ރޫޅުމުން ދެން ވާނެ ގޮތްތަކެއް ގާނޫނުގައި ބަޔާންކޮށްފައި ނޯންނަ ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީއާއި ޕީޕީއެމް/ޕީއެެންސީއަށް ވެސް ޑިމޮކްރެޓުން ހުށަހަޅާފައިވާ ޝަރުތާ މެދު ގޮތެއް ނިންމަން ޖެހޭ ކަން، ހާއްސަކޮށް އެމްޑީޕީއަށް ސާފުވާނެ އެވެ. ޑިމޮކްރެޓުން ދައްކާ ވާހަކަތަކާއި ޕީޕީއެމް/ޕީއެންސީން އެއްބަސްވާ ކަމަށާއި ނަމަވެސް އެއްބަސްވުމެއް އެކުލަވާލައި ސޮއިކުރަން އިއުތިރާޒު ކުރާ ކަމަށެވެ. އެހެންވެ، އެއްޗެއްގައި ސޮއިނުކޮށް ޕީޕީއެމް/ޕީއެންސީއާއެކު މަސައްކަތް ކުރަން ޑިމޮކްރެޓްސްއަށް ދަތި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަން ރައީސް ޔާމީނާ މަޝްވަރާކުރުންވެސް މުހިންމު ކަމަށެވެ. އެ މަޝްވަރާތައް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ޑިމޮކްރެޓްސްގެ ޝަރުތާ މެދު ގޮތެއް ނިންމުމަށް އެމްޑީޕީއާ އެތައް މަޝްވަރާއެއް ކުރެވިއްޖެ ކަމަށެވެ. އަދިވެސް އެ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން އެމްޑީޕީއަށް ވެސް ސާފުވާނެ އަބަދު އަަޅުގަނޑުމެންނަށް މަޑުކޮށްގެނެއް ނުތިބެވޭނެ އެބޭފުޅުން ގޮތެއް ނިންމަވަންދެނެއް. އެހެންވީމާ މިސާލަކަށް މާދަމާ ނުވަތަ އޭގެ އަނެއް ދުވަހު، އަޅުގަނޑުމެން އެބަ ނިންމަން ޖެހޭ. ޕީޕީއެމުން އެ ބުނާ ފަދައިން ޝަރުތަކާ ލައިގެން ނަމަވެސް ނުލައި ނަމަވެސް، ކޮންމެ ގޮތަކުން ވިޔަސް އަޅުގަނޑުމެން ގޮތެއް ނިންމަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

ނަަޝީދު ވިދާޅުވީ، ޑިމޮކްރެޓުން ހުށަހެޅި ޝަރުތާ މެދު ގޮތެއް ނިންމަން އެމްޑީޕީއަށް ދެން ގިނަ ވަގުތު ދެވެން ނެތް ކަމަށާއި ޑިމޮކްރެޓްސްގެ ކައުންސިލުން އެކަމާ މަޝްވަރާކުރަން އުއްމީދު ކުރައްވާ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ބުރު ކާމިޔާބު ނުކުރެވޭނެކަން އެ މަނިކުފާނު ގަބޫލުކުރެއްވުމަކީ މުހިންމު ކަމެއް ކަމަށާއި އެކަން ގަބޫލުކުރައްވައި ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ޑިމޮކްރެޓްސްއާއެކު ގެނައުމަށް މަސައްކަތް ކުރުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.