އދ. ކުނބުރުދޫގެ ބިން ހިއްކައި އެތަނުން ގޯތި ދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް މިއަދު ކުނބުރުދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، އެ ރަށުގައި މިހާރު އޮތް ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށާއި ރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދެނީ ވެސް އެ ރަށުގެ ބިން ހިއްކައި ދިނުމަށް ކަމަށެވެ.
"ފަޅު ތެރޭގައި މާބޮޑު ޖާގައެއް ނުވެސް ނެތް. އެހެންނަމަވެސް ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް. ތިބޭފުޅުންގެ އުއްމީދާ ގުޅިފައިވަނީ ޖާގަ އިތުރުކުރުން. އެހެންމާ އަޅުގަނޑު ފުރަތަމަވެސް ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިޔާ ތިބޭފުޅުންގެ ތާއީދާއެކީގައި 30 ސެޕްޓެމްބަރުގައި އޮންނަ އިންތިހާބުގައި ތިބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއެކީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބުވާނެ. ވެގެން އުފެދޭ ސަރުކާރުގައި ތިބޭފުޅުންނަށް މި ފަޅު ތެރެއިން ހިއްކެން އޮތް އެންމެ ބޮޑު މިނަކަށް ބިން ހިއްކައިދޭނެ ވާހަކަ. އެކަމަށް ޝައްކު ނުކުރައްވާ،" މުއިއްޒު ވިދާޅުވިއެވެ.
ބިން ހިއްކައި ނިމުމުން އެތަނުން ގޯތި ދޫކޮށް ޒުވާނުންނަށް ބޭނުންވާ ސްޕޯޓްސް ފެސިލިޓީސްތައް ހަދައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެންވަޔަރުމެންޓް އެސެސްމެންޓް އިމްޕެކްޓު ރިޕޯޓުން ފަޅު ހިއްކުމަށް ޖާގަ ދޭ އެންމެ ބޮޑު މިނަކަށް ކުނބުރުދޫ ބިން ހިއްކައިދޭނެ ކަމަށެވެ. އަދި ކުނބުރުދޫ ސްކޫލާއި ހެލްތު ސެންޓަރުގެ ޖާގަ އިތުރުކޮށްދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ފަސް އަހަރު ތެރޭގައި ސަރުކާރުން ތަރައްގީއަށް އެއްވެސް މަސައްކަތް ނުކުރާ ކަމަށެވެ. ސަރުކާރުން ފެށި ބައެއް މަޝްރޫއުތައް ވަނީ މަޑުޖެހިފައި ނުވަތަ ހުއްޓިފައި ކަމަށް ވިދާޅުވިއެވެ. ތަރައްގީ ވަނީ ފަހަތަށް ސޮއްސާލާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ބާރު މިނުގައި ރާއްޖެއަށް ތަރައްގީ ގެނެސްފައިވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. ދެން އުފެދޭ ސަރުކާރުގައި ވެސް ހަމަ އެ ބާރު މިނުގައި ތަރައްގީ ގެނެސްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު