ޚަބަރު

ގާސިމާ ބައްދަލުކުރައްވަން ރައީސް ސޯލިހް ސަން އައިލެންޑަށް

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ސަން އައިލެންޑަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ވިލިމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަހުމަދު ނިހާން ހަސަން މަނިކު "ވަން" އަށް މިއަދު ވިދާޅުވީ، އެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ ސަން އައިލެންޑުގައި ކަމަށެވެ. މިއަދުގެ ވަގުތެއްގައި ބައްދަލުވުން ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާސިމް، ޕީއެންސީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުން ރައީސް ވަނީ ގާސިމާ ބައްދަލުކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ. އެހެންވެ މިއަދު ބައްދަލުކުރެއްވުމަށް ނިންމާފައިވަނީ، ނަމަވެސް ކޮން ވަގުތެއްގައި ކަމެއް ނޭންގެ،" ނިހާން ވިދާޅުވިއެވެ.

ރައީސް ސޯލިހު، ސަން އައިލެންޑަށް ވަޑައިގަންނަވާނީ މިއަދު 1:00 ޖަހާއިރެވެ.

ގާސިމް، ރައީސްއާ ބައްދަލުކުރައްވާ އިރު، ގާސިމް ވަނީ ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާ ރޭ ސަން އައިލެންޑްގައި ބައްދަލުކުރައްވައިފައެވެ.

ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ ދައުވަތު ދެއްވުމަށް ރައީސް ސޯލިހުގެ ފަރާތްޕުޅުން، މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ގާސިމާ ބައްދަލުކުރައްވައިފައެވެ. ނަމަވެސް ގާސިމް ނިންމެވީ އިންތިހާބުގައި ވަކިން ވާދަކުރެއްވުށެވެ. ގާސިމް އެ ނިންމެވުމަށްފަހު، ގާސިމްއާއި ރައީސް ސޯލިހު ވަނީ، ރައީސް އޮފީހުގައި ވެސް ބައްދަލުވުމެއް ބާއްވައިފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ގާސިމް ވަނީ ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރަކަށް އިންތިހާބުކުރަން ހެޔޮވެސް ނުވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައިއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް 38.2 ޕަސަންޓު ލިބުނު އިރު އެއީ 86،164 ވޯޓެވެ. ގާސިމަށް ލިބިވަޑައިގެންނެވީ 2.4 ޕަސަންޓެވެ. އެއީ 5،450 ވޯޓެވެ.