ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އަލުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 15، 16 އަދި 17 ގައި ކަމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އިން ބުނެފިއެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އީސީން ކުރިން ނިންމާފައިވަނީ މި މަހުގެ 16 އަދި 17 ވަނަ ދުވަހު ރީ-ރަޖިސްޓްރީގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް މިއަދު ބޭއްވި އިންތިހާބާ ބެހޭ ގައުމީ ބައްދަލުވުމުގައި އިތުރު އެއް ދުވަސް އިތުރުކުރުމަށް ނިންމާފައިވާ ކަމަށާއި އެއަށްވުރެ މުއްދަތު އިތުރު ނުކުރާނެ ކަމަށެވެ.

"އެ ހުޅުވާލާއިރު އާންމުކޮށް ހަމަ ފިޒިކަލްކޮށް ގެންނަ ފޯމުތައް ބަލައިގަތުމުގެ އިތުރަށް އޮންލައިންކޮށް ފޯމު ބަލައިގަތުމުގެ ފުރުސަތު އަޅުގަނޑުމެން ހުޅުވާލާނަން،" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، ރާއްޖެއިން ބޭރުގައި އަދި ބައެއް ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ބައެއް ފަރާތްތަކުން އެދިފައިވާ ކަމަށާއި ނަމަވެސް ލިބިފައިވާ މަދު ދުވަސްކޮޅަށް ބަލައި އިތުރަށް ވޯޓު ފޮށި ބަހައްޓައި، އޮފިޝަލުން ހޯދައި، އޮފިޝަލުން ތަމްރީނު ކުރާނެ ވަގުތެއް ނެތުމުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ދެވަނަ ބުރުގައިވެސް ބަހައްޓާނީ 574 ވޯޓު ފޮށި ކަމަށް ވިދާޅުވިއެވެ.