ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިތުރު ތަނެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ރާއްޖެއިން ބޭރުގައި އަދި ބައެއް ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ބައެއް ފަރާތްތަކުން އެދިފައިވާ ކަމަށެވެ.
"އެހެންނަމަވެސް އެކަމަކީ މިވަގުތު އަޅުގަނޑުމެންނަށް ލިބިފައިވާ މަދު ދުވަސްކޮޅަށް ބަލާއިރު އަޅުގަނޑުމެން ކޮމިޝަނަށް ކުރެވެން އޮތް ކަމެއް ނޫން،" ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އީސީން ނިންމާފައިވަނީ 574 ވޯޓު ފޮށި ބެހެއްޓުމަށް ކަމަށާއި އަދި އެ ފޮށިތައް ބަހައްޓާނެ ތަންތަން ވެސް ވަނީ ކަނޑައަޅައި އިއުލާންކޮށްފައި ކަމަށެވެ. އެ ތަންތަނުގައި ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުންގެ މައުލޫމާތު ވެސް ވަނީ ފުރިހަމަކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ވޯޓު ފޮށި ބަހައްޓައި، އޮފިޝަލުން ހޯދައި، އޮފިޝަލުން ތަމްރީނުކުރާނެ ވަގުތެއް ނެތް ކަމަށް ހަބީބު ވިދާޅުވިއެވެ.
މީގެ އިތުރުން ހަބީބު ވިދާޅުވީ ދެވަނަ ބުރަށް ރީ ރަޖިސްޓްރީކުރުމުގެ ފުރުސަތު އޮންނާނީ މިމަހުގެ 15، 16 އަދި 17 ގައި ކަމަށެވެ. ކުރިން ނިންމާފައިވަނީ މިމަހުގެ 16 އަދި 17 ވަނަ ދުވަހު ރީ- ރަޖިސްޓްރީގެ ކަންކަން ކުރުމަށް ކަމަށާއި ނަމަވެސް މިއަދު ނިންމީ ތިން ދުވަސް ދިނުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު