މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީއެންސީ/ޕީޕީއެމްއަށް ލިބިފައި އެވަނީ އާންމުކޮށް އެ ކޯލިޝަނަށް ލިބޭ ވޯޓްގެ އަދަދު ކަމަށާއި ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާ ވޯޓްގެ އަދަދު ގިނަ ވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް 101،394 ވޯޓް ލިބިވަޑައިގެންނެވި އިރު، ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 85،698 ވޯޓެވެ. މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ 15،696 ވޯޓުގެ ތަފާތުންނެވެ.

ރާއްޖެޓީވީގެ "60 މިނެޓް" އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވީ ޖެހި ހިސާބު މިއޮތީ ގޯސްވެފައި ކަމަށާއި އެކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. މިއީ އުންމީދު ކުރި ނަތީޖާއެއް ނޫން ކަމަށާއި އެ ސަބަބުތައް މިހާރު ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

"ބެލުނު އިރު އެއް ސަބަބަކަށް ބެލެވިފައިވަނީ އަޅުގަނޑުމެންނަށް ވޯޓް ލާން ތިބި ގިނަ ބަޔަކަށް އެކި ސަބަބުތަކަށް ޓަކައި ވޯޓް ލާން ނުދެވިފައި މިވަނީ. ދެން އަނެއް ކަމަކީ ސަރުކާރާމެދު އުފައްދާފައިވާ ދޮގު ވާހަކަތަކަށް އަޅުގަނޑުންނަށް އެއަށް މާބޮޑަށް ރައްދު ނުދެވި އޮތުމުން މިއޮތީ ބައެއް ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެފައި، އެ ހުރިހާ ކަމެއް ބަލައި އެނަލައިޒް މި ކުރަނީ،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޯލިޝަން ހެދުމަށް ވަރަށް ގިނަ ބޭފުޅުންނާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި އިތުރު ފަރާތްތައް ކޯލިޝަނާ ގުޅޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އެއާއެކު އިތުރަށް ރަނގަޅުވާނެ ކަމަށާއި ވޯޓް ނުލެވި ތިބި މީހުންގެ ވޯޓާއެކު ދެވަނަ ބުރުގައި ކާމިޔާބު ކުރުމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. ދެވަނަ ބުރެއްގައި އެޑްވާންޓޭޖް އެންމެ ބޮޑީ އެމްޑީޕީއަށް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ އިދިކޮޅު ކެންޑިޑޭޓަށް ލިބިފައި އެހުރީ ޒަމާނުއްސުރެ އެބޭފުޅުންގެ ފިކުރުގެ ވޯޓް. އެއަށްވުރެ މާ ބޮޑުތަނެއް ދެން އިތުރުވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ހަމަ ރަނގަޅަށް އިތުރުވާނެ ކަމަށް ގަބޫލުކުރެވެނީ،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސިޔާސީ ނަތީޖާތަކަކީ ބަދަލު އަންނަ ކަންކަން ކަމަށާއި ކުރީގެ ތާރީހުން ފެންނަން ހުރި ކަންކަމުން ވަރަށް އުންމީދު ބޮޑު ކަމަށެވެ. އަދި ކެމްޕޭނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އެ މަސައްކަތް ވަރަށް އަވަހަށް ފަށައިގަންނާނެ ކަމަށް ވިދާޅުވިއެވެ.

ފައްޔާރު ވަނީ އިތުރު ހިތްވަރަކާ އެކު ދެވަނަ ބުރަށް ކުރަން ހުރި މަސައްކަތް ކުރުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ކާމިޔާބު އޮތީ ގާތުގައި ކަމަށާއި މިއީ އަދިވެސް ފަސޭހައިން ކުރެވޭނެ ކަމެއް ކަމަށެވެ. އުންމީދު ވަރަށް ބޮޑު ކަމަށާއި ދެވަނަ ބުރު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.