މި މަހު 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާއެކު އިތުރު ޕާޓީތައް ކޯލިޝަން ހަދާނެ ކަމަށާއި އެކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ފޯން އިންޓަވިއުއެއްގައި ރައީސް ސޯލިހު މިއަދު ވިދާޅުވީ ފުރަތަމަ ބުރުގައި އިންތިހާބުން ނާކާމިޔާބުވި ބައެއް ފަރާތްތަކާ އެކު މަޝްވަރާތައް އިއްޔެ ފެށިފައިވާ ކަމަށެވެ.
"ކޯލިޝަނެއް ހެދުމަށް ބައެއް ޕާޓީތަކާއެކު އާދިއްތަ ދުވަހު މަޝްވަރާ ކުރެވިފަވަނީ. އޭގެ ތެރޭގައި އެމްޑީޕީ އާއެކު ކުރިއަށް ދާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައިވާ ބައެއް ބޭފުޅުން އެބަ ތިއްބެވި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިތުރު އެއްވެސް ޕާޓީއަކާ އެކު އަދި ކޯލިޝަން ހަދަން ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް އަދި ދެ ތިން ފަރާތަކުން ކޯލިޝަން ހަދާނެ ކަމުގެ ފެހި ސިގުނަލް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ރަސްމީކޮށް އެކަން އިއުލާން ކުރެވޭ ހިސާބަށް އަދި ނުދޭ. ނަމަވެސް ދެން އޮތް މަސައްކަތަކަށް ވާނީ އެކަން ރަސްމީކޮށް އިއުލާން ކުރުން. އިރާދަކުރެއްވިއްޔާ ދެ ބަޔަކު ނުވަތަ ތިން ބަޔަަކު އަޅުގަނޑުމެންނާ އެކީގައި އަރާނެ ކަމަށް އަޅުގަނޑުމެން މި ގަބޫލުކުރަނީ. އެ ކަން ކުރީމާ ދެން ވެސް ލިބޭނެ ފުދޭވަރެއްގެ ކުރިއެރުން،" ރައީސް ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވައި ބޮޑު އަގުލަބިއްޔަތަކުން އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒެވެ. އެގޮތުން މުއިއްޒަށް 101،394 ވޯޓް ލިބިވަޑައިގެންނެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،698 ވޯޓެވެ. މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ 15،696 ވޯޓުގެ ތަފާތުންނެވެ.
ޚަބަރު
ޚަބަރު