އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ފެއަށްޖެހި، އިދިކޮޅު ޕީޕީއެމް އާއެކު އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފައްދަން އެމްޑީޕީ މެންބަރުން ވިސްނަންޖެހޭ ކަމަށް ދަ ޑިމޮކްރެޓްސްގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ، އެ މަނިކުފާނުގެ ނުރަސްމީ އެކައުންޓް، "އަނެއް ދިވެހިރާއްޖެ" މިއަދު ކުރެއްވީ ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ނަޝީދު ވިދާޅުވެފައި ވަނީ ރައީސް ސޯލިހު އެމްޑީޕީއާ ދުރު ކުރަން ސީރިއަސްކޮށް މެންބަރުން ވިސްނަންޖެހޭ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން ނެރުނު ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލިޔާސް ލަބީބަށް 15،528 ވޯޓާއެކު ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައިވާއިރު، އެންމެ ގިނަ ވޯޓު ހޯދެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވީ 100،691 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 85،260 ވޯޓެވެ. އެހެންކަމުން ދެވަނަބުރުގައިވެސް އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ މުއިއްޒު އަށެވެ. ނަމަވެސް ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބު ކުރުމަށް، ދަ ޑިމޮކްރެޓްސް ތާއީދަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް މުހިންމު އެއްޗެކެވެ.
އިންތިހާބަށްފަހު ދަ ޑިމޮކްރެޓްސްގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިލިޔާސް ވިދާޅުވީ، ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެ ޕާޓީއާ ވާހަކަދެއްކުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް ޕާޓީން ގޮތެއް ނިންމާނީ ކައުންސިލާއި އެ ޕާޓީގެ މެންބަރުންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އިލިޔާސް ލަބީބު މިހެން ވިދާޅުވެފައި ވަނިކޮށް، ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރައްވަފާނެކަމުގެ އިޝާރާތެއް ރައީސް ނަޝީދު މިއަދު ވަނީ ކުރައްވައިފައެވެ.
އަނެއް ދިވެހިރާއްޖެ އެކައުންޓުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިދިޔަ ފަސް އަހަރަށްވުރެ ބޮޑަށް ހަރުކަށި ފިކުރުގެ ގޮތްތައް ތަންފީޒު ކުރާނެ ސަރުކާރެއް ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމަށް އަތުވެދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ނަޝީދު އެހެން ވިދާޅުވި އިރު، ޖަމިއްޔަތުއްސަލަފް ފަދަ ބައެއް ދީނީ ޖަމިއްޔާތަކަށް އިޝާރާތް ކުރައްވައި، އެއީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް އެ މަނިކުފާނު މީގެ ކުރީން ވަނީ ވާހަކަދައްކަވައިފައެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ސަލަފް ޖަމިއްޔާގެ ބޭފުޅުން ތާއީދު ކުރެއްވީ، މުއިއްޒަށެވެ.