ޚަބަރު

ރައީސް ސޯލިހަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން، މި ގައުމު ވިއްކައެއް ވެސް ނުލާނެ: ސިޔާމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވައްކަން ކުރާނެ ބޭފުޅެއް ނޫން ކަމަށާއި މި ގައުމު ވިއްކައިލައްވާނެ ބޭފުޅެއް ވެސް ނޫން ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭނަށް އައްޑޫ ސިޓީއަށް ވަޑައިގެން މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ރައީސް ސޯލިހަކީ ރައްޔިތުންނަށް ދެރަވާނެ ހަމަ އެއްވެސް ގޮތެއް ނުހައްދަވާނެ ކަމަށާއި އެމަނިކުފާނަށް ވޯޓު ދޭންވީ އެހެންވެގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ރައީސަކީ ވައްކަން ކުރާނެ މީހެއް ނޫން. އަޅުގަނޑުމެންގެ ރައީސެއް ދައުލަތުގެ އެކައުންޓަކުން ލާރިއެއް ނުނަންގަވާނެ. އަޅުގަނޑުމެންގެ ރައީސެއް އެއްވެސް މީހަކަށް އަދި އެއްވެސް ބަޔަކަށް ވެސް އަނިޔާވެރިއެއް ނުވާނެ. އަޅުގަނޑުމެންގެ ރައީސެއް މި ގައުމު އެއްވެސް ބަޔަކަށް ވިއްކައެއް ވެސް ނުލާނެ. އަޅުގަނޑުމެންގެ ރައީސެއް އަޅުގަނޑުމެން ރައްޔިތުން ބޭނުންވާ ތައުލީމާއި ހުނަރާއި، މި ކަންތައްތައް ކޮށްދިނުމުގައި ފަހަތަކަށް ވެސް ނުޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އައްޑޫއަށް އަންނަ ފުރިހަަމަ ތަރައްގީއަކީ އައްޑޫގެ ރައްޔިތުން ފެށުނީއްސުރެ އިންތިޒާރުކުރަމުން އަންނަ ތަރައްގީތަކެއް ކަމަށާއި އައްޑޫގައި ފަތުރުވެރިކަން ފުޅާވެގެންދާނެ ކަމަށެވެ. އަދި އައްޑޫގައި ފުރަތަމަ ހެރަތެރި ހުޅުވާފައިވަނީ އޭނާގެ މަސައްކަތުންކަން ފާހަގަކުރެއްވައި، އައްޑޫގައި ޓޫރިޒަމް ތަރައްގީކުރަން އިންވެސްޓްމަންޓެއް ނުލިބިއްޖެއްޔާ އަމިއްލައަށް ވެސް އެކަން ކުރައްވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"ފުރަތަމަ އައްޑޫގައި ހެރަތެރެ ހުޅުވަންވެގެން، އަޅުގަނޑަކީ އޭގެ ތެރެއިން އެކަކު. އަޅުގަނޑާއި އިތުރު ބޯޑު މެންބަރުންތަކަކާއެކު އެކަން ކުރީ. އަޅުގަނޑުމެން އެތަން ހެދިން، އެތަން ހަދައި އެއް އަހަރު ދުވަހަށް އެތަން ހިންގިން. ޝެއާ ހޯލްޑަރުން ގަތް އަގު އަޅުގަނޑުމެން އެމީހުންނަށް ޕޭކޮށް، ހުރިހާ އިންވެސްޓްމަންޓެއް ކަވަރުކޮށް، އަޅުގަނޑުމެން އެއް އަހަރުފަހުން ރިޒައިން ކުރީ. އެހެންވީމާ އަނެއްކާވެސް އަނބުރާ އަޅުގަނޑުމެން މި އަންނަނީ އައްޑޫ ތަރައްގީކުރުމަށް. އައްޑޫގައި މި ހަދާ ތިން ރިސޯޓާއި އަދި ހިއްކަމުންދާ ފަސް ރިސޯޓު އަޅުގަނޑުމެން ހަދާނަން. އިންވެސްޓްމަންޓެއް ނައިސްފި ކަަމަށްވަންޏާ، ސީދާ ހުދު އަޅުގަނޑުވެސް ރައްޔިތުންނަށް އެ ރިސޯޓުތައް ހަދައިދޭނަން،" އޭނާ ވިދާޅުވިއެވެ.

ސިޔާމް އިތުރަށް ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް 65 ޕަސަންޓުގެ ވޯޓު ދީފި ނަމަ، އައްޑޫގެ ޒުވާނުން އެދޭގޮތަށް ސަން ސިޔާމް ފުޓުބޯޅަ މުބާރާތް އެ ސިޓީގައި ބާއްވައިދޭނެ ކަމަށެވެ.