ކުރިއަށް އޮތް ދެ ދުވަހު އެއް ގިޔަރު އިތުރަށް މައްޗަށް ޖައްސައި، އެ މަނިކުފާނަށް ގަދަކޮށް ކެމްޕެއިން ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.

ރިޔާސީ ކެމްޕޭނަށް ރައީސް އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މި ސިޓީގެ ހުޅުދުއަށް ވަޑައިގެން އެ ރަށުގެ ކެމްޕޭން ޓީމާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހު ނުނިދައި، އެ މަނިކުފާނަށް ކެމްޕެއިން ކޮށްދިނުމަށް އެދޭ ކަމަށެވެ.

"ކެމްޕޭން ޓީމަށް ދަންނަވާލާނީ އަދިވެސް އެއް ގިޔަރު މައްޗަށް ޖައްސަވާލާށޭ. ކުރިއަށް އޮތް ދެ ދުވަހު ކޮންމެހެން ނިދަން އުޅޭނެ ކަމެއް ނެތް. އަޅުގަނޑުމެންނަށް ދެ ދުވަހު ތިބެވޭނެ ނުނިދާވެސް. ގާތްގަނޑަށް ދެ މަސް ދުވަހު ތިން ހަތަރު ގަޑިއިރު ނިދައިގެން. ދެން ވޯޓުލާ ނިންމާފައި ގެއަށްދާނީ. އެއްބުރުން މިކަން ކާމިޔާބުވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތީ ދެ ދަވަސް ކަމަށާއި އިންތިހާބަށް ކުރަންޖެހޭ ބިޔަ ބޮޑު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް އިންތިހާބެއް ކާމިޔާބު ކުރުމަށް ވަރަށް ގިނަ ކަންކަން ކުރަންޖެހޭ ކަމަށާއި އެކަން މިވަނީ ކޮށް ނިމިފައި ކަމަށްވެސް ވިދާޅުވިއެވެ.

"އެކަމަކު އިންތިހާބުގެ ނަތީޖާއެއް ބަދަލުކޮށްލަން ބޭނުންވަނީ އެންމެ ވޯޓެއް. އެ ވޯޓަކީ ތި ބޭފުޅުންގެ ކޮންމެ މީހެއްގެ ވޯޓަކަށް ހައްދަވާށޭ. އެންމެން ވޯޓުލާށޭ. ރަހުމަތްތެރިންނާއި އާއިލާ މީހުންވެސް ނުކުމެވަޑައިގެން ވޯޓުލުމަކީ އަޅުގަނޑުގެ އިލްތިމާސެއް،" ރައީސް ވިދާޅުވިއެވެ.

އިއްޔެ، ރައީސް އައްޑުއަށް ވަޑައިގެންނެވުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެކަމަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ އިއްޔެ ސާފުކޮށް ފެނިވަޑައިގެންނެވީ ރާއްޖޭގެ ހުރިހާ ރަށަކުން ފެނުނު މަންޒަރަށްވުރެ މާ ބޮޑުކޮށް މާ ތަފާތު ބޮޑުކޮށް އައްޑޫ ސިޓީން ނިންމަން ތިބި މަންޒަރު ކަމަށެވެ.