އަޕާ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅުންހުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ފުލުހުންނަށް އިއްޔެ ވަނީ ރިޕޯޓުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުގެ ތެރެއިން، އިތުރު މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އެ ތަހުގީގުގެ ތެރެއިން ފެންމަތިވެފައިވާ ކަމަށް ފުލުހުންގެ މެސެޖުގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅުންހުރި އެކަކު މިވަގުތު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އަދި މި ތުހުމަތުތަކާ ގުޅިގެން، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.