ސިވިލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި އަބްދުﷲ އިހްސާން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ބުނީ އިހްސާން ވަނީ މިއަދުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅާފައި ކަމަށެވެ.

އެހެންވެ، މިއަދުން ފެށިގެން އިހްސާން، ގާޒީގެ މަގާމުން ވަކިކޮށްފައިވާކަމަށް ޖޭއެސްސީން ބުންޏެވެ.

އިހްސާން، މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާއާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން މައްސަލައިގެ ބާވަތަށާއި، ލިބިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، އޭނާ ވަނީ މަގާމުން ސަސްޕެންޑުވެސް ކޮށްފައެވެ. އޭނާ ސަސްޕެންޑްކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުން ފެށިގެން 60 ދުވަހުގެ މުއްދަތަށެވެ.

ޖޭއެސްސީން ނިންމި އެ ނިންމުމާ ގުޅިގެން ބައެއް މީޑިއާތަކުން ވަނީ، އިހުސާން ސަސްޕެންޑުކުރުމާއި ސިވިލް ކޯޓަށް ހުށަހެޅި ލެގޫންސް ސްޕޯޓްސް ކްލަބާ ގުޅޭ މައްސަލަތަކާ ގުޅުވައި ރިޕޯޓުކޮށްފައެވެ.

ނަމަވެސް، ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިހްސާން މަސައްކަތުން ދުރުކުރީ އޭނާގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅައި ތަހުގީގުކުރަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގީ އިޖުރާއަތުގެ ތެރެއިން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމާއެކު، އިހުސާންގެ ބަޔާން ނަގައި އަދި ތަހުގީގަށް ބޭނުންވާ އިތުރު ފަރާތްތަކެއްގެ ބަސްވެސް ހޯދާފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ގާޒީ އިހުސާން ވަގުތީ ގޮތުން މަސައްކަތުން ދުރުކުރަން ނިންމި ސަބަބުތައް ވެސް ޖޭއެސްސީން ވަނީ ސާފުކޮށްދީފައެވެ. ޖޭއެސްސީން ބުނިގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ބާވަތަށާއި، ތަހުގީގަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި، އޭނާ މަސައްކަތުގައި ދެމިހުރެއްޖެ ނަމަ، މައްސަލައިގެ ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ފެންނާތީއެވެ. މީގެ އިތުރުން، މިއީ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއްކަމަށް ޖޭއެސްސީން ބުންޏެވެ.