ދެކުނުގެ ދެ ސިޓީގެ ފެނާއި ނަރުދަމާގެ ހިދުމަތާ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ރަސްމީކޮށް ހަވާލުވެ، ފުރަތަމަ ބިލިން ސައިކަލް ފަށަން ނިންމައިފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް އައްޑޫ ސިޓީއާއި، އައްޑޫ ހުޅުދޫ، އައްޑޫ މީދޫ އަދި ފުވައްމުލަކު ސިޓީގައި މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ، 22 އޮކްޓޫބަރު 2026 ގައެވެ.
މި ބިލިން ސައިކަލް ފެށުމާއެކު، މީޓަރު ރީޑިން ނެގުމަށްޓަކައި އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ރަސްމީ ޔުނިފޯމުގައި ގޭބިސީތަކަށާއި ހިދުމަތް ދެމުންގެންދާ އެކި އިމާރާތްތަކަށް ޒިޔާރަތްކުރަމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން، މި މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް މީޓަރު ހަރުކޮށްފައިވާ ސަރަހައްދުތަކަށް ފަސޭހަކަމާއެކު ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށާއި، މިކަމުގައި އެންމެހައި ކަސްޓަމަރުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ފެނާއި ނަރުދަމާގެ ހިދުމަތް އެމްޑަބްލިޔުއެސްސީގެ ދަށަށް ބަދަލުވަމުންދާ މި މަރުހަލާގައި، އެއްވެސް ކަސްޓަމަރަކަށް ދެމުންދާ ހިދުމަތަށް ބުރޫނާރައި، މެދުކެނޑުމެއްނެތި ހިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ބިލުތަކަށް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ހަލާސްކުރުމަށްވެސް އެ ކުންފުނިން ވަނީ ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެ ދެ ސިޓީގައި ވަގުތީ ކަސްޓަމަރު ސާވިސް ކައުންޓަރުތައް މިހާރު ގާއިމުކޮށްފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. އެގޮތުން އައްޑޫ ސިޓީ ބްރާންޗުގެ ކަސްޓަމަރު ސާވިސް އޮފީސް ފޭދޫގެ ހިރިޔާ މަގުގައި ގާއިމުކޮށްފައިވާ އިރު، ފުވައްމުލަކު ސިޓީ ބްރާންޗުގެ ކަސްޓަމަރު ސާވިސް އޮފީސް ހުންނާނީ އެ ސިޓީގެ މިސްކިތް މަގު، ނައިބުތުއްތު ހިނގުމުގައެވެ.
ހިދުމަތްތައް ވީހާވެސް ފަސޭހަކަމާއެކު ހޯދުމަށްޓަކައި، އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑްކޮށް އެކައުންޓް ރަޖިސްޓްރީ ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. އެންޑްރޮއިޑްގެ ގޫގުލް ޕްލޭ ސްޓޯރުންނާއި އައިއޯއެސްގެ އެޕް ސްޓޯރުން ލިބެން ހުންނަ މި އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ބިލަށް ފައިސާ ދެއްކުމާއި، މިހާރުގެ ބިލާއި ކުރީގެ ބިލުތައް ބެލުމާއި، ފައިސާ ދައްކާފައިވާ ގޮތުގެ ތަފުސީލު ބެލުމުގެ އިތުރުން އެއްފަހަރާ ގިނަ އެކައުންޓުތަކަށް ފައިސާ ދެއްކޭނެ (މަލްޓި-ޕޭ) އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން އެ ސްޓޯރުތަކުގައި އާންމުކޮށްފައިވާ މައުލޫމާތުގައި ބުނެފައިވެއެވެ.
އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ހިދުމަތްތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް، އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރު ކެއާ ހޮޓްލައިން 1575 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލްކޮށްގެން އެހީތެރިކަން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
ކޮމެންޓް