- ރ. އަލިފުށިން އަލީ ރިފްޝާން
މިއަހަރު ނިމެންވާއިރަށް އަލިފުށި އެއާޕޯޓު ބޭނުންކުރަން ފެށޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިރޭ ރ. އަލިފުއްޓަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2018ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މި ރަށަށް ވަޑައިގެންނެވި އިރުވެސް، ލަވައަކުން އެދުނީ އެއާޕޯޓެއް ތަރައްގީކޮށްދިނުމަށް ކަމަށެވެ.
"އެ ދުވަހުގެ ލަވައިގައި ވަޑި އިއްބެ ބުނަނީ ފުއްޓަށް އަލިފުށި އާދެވޭހެން ވަރުނުލާ، ރައްޔިތުން އެންމެ އުދުހިލާ. އެ ދައްކަވަނީ މިތަނަށް މަތިންދާ ބޯޓުގައި އުދުހިފައި އަންނަ ވާހަކަ. އިރާދަކުރެއްވިއްޔާ މިއަދު އެ ވަނީ އެއާޕޯޓުގެ މަސައްކަތް ފެށުމަށްޓަކައި ބިން ހިއްކަން ފަށާފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް މި ރަށުގެ އެއާޕޯޓު ހަދައި، މި ރަށަށް ވައިގެ މަގުން ދަތުރުކުރެވޭ ގޮތް ހެދުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގަންނަވަނީ އެކަން ފުއްދޭނެކަމުގެ ޔަގީންކަން ހޯއްދަވައިގެން ކަމަށާއި މިހާތަނަށް ވީ ވައުދުތަކުގެ ތެރެއިން 90 ޕަސަންޓް މިހާރު ފުއްދި، ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
"އެހެންވީމާ އަލިފުށީގެ އެއާޕޯޓަކީ ވެސް އަޅުގަނޑު މި ދެންނެވިހެން އަޅުގަނޑުމެންގެ މަސައްކަތުގެ ޕްލޭންގެ ތެރޭގައި ހަދައި ނިންމައި، ބޭނުންކުރެވޭ ތަނަކަށް އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި ވެގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ކުރިއަށްއޮތް ދައުރަށް ވެސް އަލިފުއްޓަށް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނިންމުމާއި، މޫދަށް އެރޭނެ އާޓިފިޝަލް ބީޗެއް ތަރައްގީކުރުމާއި، އެއާޕޯޓު ތަރައްގީކުރުމަށް ބިން ހިއްކާ އިރު، ކުނި މެޖޭކުރުމަށް އިތުރު އެއް ހެކްޓަރުގެ ބިން އިތުރުކުރުމާއި، ފުލެޓު ނުވަތަ ރޯހައުސް ހަދައިދިނުމާއި، އިތުރު މަގުތަކުގައި ތާރު އެޅުމާއި، ފުޓްސަލް ދަނޑު ހެދުމާއި، ޗައިލްޑް އެންޑް ފެމިލީ ޔުނިޓެއް ގާއިމުކުރުމާއި، އާ އިންޖީނުގެއެއް ހެދުން އަދި ޒަމާނީ ލައިސަންސް ޓްރެކެއް ގާއިމުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު