އާބާދީގައި 640 މީހުން ދިރިއުޅޭ ރ. ވާދުއަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހަވީރު ވާދުއަށް ވަޑައިގެން، ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސްކޫލަށް ބޭނުންވެފައިވާ ލެބާއި މަލްޓިޕާޕޮސް ހޯލު ގާއިމުކޮށްދީ، ސްކޫލުގެ ވަސީލަތްތައް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.
"މި ރަށުގެ ބިން ހިއްކައި، މަގުތަކުގައި ތާރު އަޅައިދޭނަން. އަދި މި ރަށުގެ ބިން ހިއްކިގެންދާ އިރުގައި، މި ރަށުގެ ފަޅުތެރޭގައި ޕިކްނިކް އައިލެންޑެއް މި ރަށުގެ ރައްޔިތުންނަށް އަޅުގަނޑު ހަދައިދޭނަން. އަދި މި ރަށުގެ ރައްޔިތުން ބައްދަލުވުންތައް ބޭއްވުމަށާއި ހަފުލާތައް ބޭއްވުމަށް ކޮމިއުނިޓީ ސެންޓަރެއް އިރާދަކުރެއްވިއްޔާ ގާއިމުކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް ރަނގަޅުކޮށް، 24 ގަޑިއިރަށް ހިދުމަތް ލިބޭގޮތަށް ބަދަލުކޮށްދެއްވާނެ ކަމަށާއި ރަށުގެ ރައްޔިތުންނަށް ބޭނުންވާ އޭޓީއެމްގެ ހިދުމަތްދިނުމަށް މި ރަށުގައި އޭޓީއެމްއެއް ބަހައްޓައިދެއްވާނެ ކަމަށެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ރައްޔިތުން މިއަދު އެންމެ ބޭނުންވެފައި އޮތް އެއް ކަމަކީ ގޯތި. އަޅުގަނޑު ސާފުކޮށް ދަންނަވާލަން ބޭނުންވަނީ މި ރަށުގެ ލޭންޑް ޔޫސް ޕްލޭން 29 ޖެނުއަރީގައި ޕްލޭނިން މިނިސްޓްރީން ވަނީ ފާސްކޮށްދެއްވާފައި. އެހެންވީމާ މިހާރު ކައުންސިލަށް އިތުރު ދައްޗެއް ނޯންނާނެ މި ރަށުން ގޯތި ދޫކުރުމަށް. ރައްޔިތުން ބޭނުންވެފައިވާ ގޮތަށް މި ރަށުގެ ރައްޔިތުންނަށް ގޯތި ދޫކޮށްދިނުމަކީ އަޅުގަނޑު އެދޭ އެދުމެއް. ތިބޭފުޅުން އެދިވަޑައިގެންފައިވާ ގޮތަށް ބިން ހިއްކުން އެބައޮތް ކުރިއަށް. އެހެންވީމާ މިއާ ދޭތެރޭގައި މާބޮޑު ފަސްޖެހުމެއް ނުބޭއްވުން އެއީ އަޅުގަނޑުގެ މިއަދުގެ އެދުމަކީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށްޓަކައި ވަރަށް ބޮޑު އުންމީދުތަކެއް މި ރަށު ރައްޔިތުން މިހާތަނަށް ވެސް ކުރަމުން އައި ކަމަށާއި ބައެއް ފަރާތްތަކަށް ބިން ވެސް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއަހަރުގެ ފަހުކޮޅު 60 އެނދުގެ ވެލްނެސް ހޮޓެލެއް އެޅުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
"މި ރަށަކީ އެނގިވަޑައިގަންނަވާނެ ދިވެހިންނަށާއި ރާއްޖެއިން ބޭރުގެ މީހުންނަށް ވެސް މަޝްހޫރު ރަށެއް. ރޭގަނޑު ވަކި ދުވަސްވަރެއްގައި ރެދަން ލުން ބެލުމަށްޓަކައި މި ރަށަށް އަންނަން ބޭނުންވެފައި، އެ އުންމީދުގައި ތިބި އެތައް ބަޔަކު އެބަތިބި. މިކަމަށް ބޭނުންވެފައި ތިބި އެތައް ބަޔަކު ރާއްޖޭގައި ވެސް ތިބޭނެ، އަދި ދުނިޔޭގައި ވެސް މަޝްހޫރު ކަމެއް އެއީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެއީ މި ރަށުގައި ތަރައްގީކުރެވޭނެ ލޯކަލް ޓޫރިޒަމްގެ މަސައްކަތެއް ކަމަށާއި ކުރިއަށްއޮތް ދުވަސްވަރުގައި ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށްޓަކައި ވާން ޖެހޭ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު