• ރ. އުނގޫފާރުން އަލީ ރިފްޝާން

ކުރިއަށް އޮތް ދައުރުގައި ރ. އުނގޫފާރަށް ވެރިކަން ކުރާ ރަށެއްގެ އިހުސާސް ގެނެސްދެއްވާނެކަމުގެ ޔަގީންކަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހެނދުނު މި ރަށަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ މި އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމުގައިވިޔަސް، އަންނަންޖެހޭ ވަރުގެ ތަރައްގީ ސަރުކާރުތަކަށް ގެނެސްދެވިފައި ނުވާ ކަމަށެވެ.

"ރާއްޖޭގެ ރަށްތައް ތަރައްގީކުރުމުގައި ވެފައިވާ އިހުމާލު ވަރަށް ބޮޑު. މިއީ ވެރިކަން ކުރާ ރަށުގެ އިހުސާސްކަން ލިބޭ ވަރަށް މި ރަށް ކުރިއަށް އޮތް ދައުރުގައި އަޅުގަނޑުމެން ތަރައްގީ ކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލަފާފުރުމަށް އޮތް އުނދަގުލަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން މި ރަށުގެ ބަނދަރަށް ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށާއި ކުރިއަށް އޮތް ދައުރުގައި ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށްފަހު، ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހައުސިން މަޝްރޫއެއްވެސް ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށެވެ.

އޭގެ އިތުރުން ރައީސް ވަނީ ކުރިއަށް އޮތް ދައުރުގައި އުނގޫފާރު ސްކޫލަށް އާ އިމާރާތެއް ހަދައި ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމާއި މި ރަށު ހޮސްޕިޓަލުގެ މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް ހެދުމާއި ހުރިހާ މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދައިދިނުމުގެ އިތުރުން ސިއްހީ ދާއިރާ އިން ތަމްރީނު ހޯދައިދިނުމަށް ވަސީލަތްތައް އިތުރުކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައެވެ.