• ކުޅުދުއްފުށި ސިޓީން އަލީ ރިފްޝާން

ކުރިއަށް އޮތް ދައުރަށް ކުޅުދުއްފުށި ސިޓީއަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.

ކުޅުދުއްފުށީގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުޅުދުއްފުށި ސިޓީއަށް ބޮޑު ބަދަލެއް އަންނަން ޖެހޭ ކަމަށާއި މި ސިޓީގައި ތަރައްގީކުރާ 1،000 ފުލެޓުގެ މަސައްކަތް މިހާރު ހަވާލުކުރެވި، އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"އޭގެ އިތުރުން ކުޅުދުއްފުށި އެންމެ ބޮޑަށް ހިއްކެން އޮތީ ކިހާ ވަރަކަށްތޯ ބަލައި، ޝޯ ޕްރޮޓެކްޝަން ހަދާނަން. އަދި ކުޅުދުއްފުށީގައި ރެކްރިއޭޝަނަލް ޒޯނެއް އިރާދަކުރެއްވިއްޔާ އަޅައިދޭނަން. އަދި ރާއްޖޭގެ އެތެރޭގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ކުޅުދުއްފުށީގައި ލޯކަލް ކޮމާޝަލް ހާބަރެއް އިރާކުރައްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަން. އޭގެ ސަބަބުން އެހެން ރަށްރަށުން މުދާ ހިފައިގެން އަންނަ ފަރާތްތަކަށް އެތަނުން ފަސޭހަ ހިދުމަތްތަކެއް ލިބިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޅުދުއްފުށީގެ ހަދަން ފަށާފައިވާ މަގުތައް ހެދުމުގެ މަސައްކަތް ހުއްޓައިނުލައި ކުރިއަށްގެންގޮސް، ކުރިއަށް އޮތް ދައުރުގައި ހުރިހާ މަގެއްގެ މަސައްކަތް ނިންމަވައިދެއްވާނެ ކަމަށެވެ. އަދި ކުޅުދުއްފުށި ކައިރީގައި އޮތް ކުނބުރުދޫއަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކޮށް، މި ސިޓީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ސްޓޯރޭޖް ބޯޓްބިލްޑިން އާއި ޕެކޭޖިން ފެސިލިޓީޒް ފަދަ ކަންކަން ފެށުމަށް އެތަން ތަރައްގީކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޓޫރިޒަމްގެ ސިނާއަތް އިތުރަށް ފުޅާކުރުމަށްޓަކައި މި ސަރަހައްދުގައި ޔޮޓް މެރީނާއަށް، ކްރޫޒް ލައިނާއަށް ހިދުމަތްދެވޭނެ ފެސިލިޓީޒްތައް ގާއިމުކޮށްދޭނަން. އެއާޕޯޓުގައި އުތުރަށް އޮތް ބިމަށް އެކްސަސް ރޯޑެއް ކުރިއަށް އޮތް ދައުރުގެ ތެރޭގައި އަޅުގަނޑުމެން ހަދައިދޭނަން މަގު ހަދަމުންދާ އިރުގައި. މި ރަށުގައި މީޓިންތަކާއި ޖަލްސާތައް ބޭއްވުމަށްޓަކައި ކޮންވެންޝަނަލް ސެންޓަރެއް ކުރިއަށް އޮތް ދައުރުގައި އެބައޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސިޓީގެ ރައްޔިތުން ބޭނުންވާ ގޮތަށް ޕިކްނިކް އައިލެންޑެއް ހޯއްދަވައިދެއްވާނެ ކަމަށާއި ލޯކަލް ޓޫރިޒަމަށް ވަކިން ހާއްސަ ފައިނޭންޝަލް ޕެކޭޖެއް މި ސަރަހައްދަށް ގާއިމުކޮށް، އޭގެ އެހީތެރިކަން ހޯއްވައިދައިދެއްވާނެ ކަމަށެވެ. އަދި އަމާޒަކީ ފުރަތަމަ ވެސް މި ސަރަހައްދުގައި 5،000 އެނދު ތަރައްގީކުރުން ކަމަށް ވިދާޅުވިއެވެ.