- ހދ. ނޮޅިވަރަންފަރުން އަލީ ރިފްޝާން
އެމަނިކުފާނުގެ އެކައުންޓަށް ފައިސާއެއް ވަދެފައި ނުވާނެ ކަމަށާއި ކުރީ ސަރުކާރުގައި މަޝްރޫއުތައް ލަސްވެގެން ދިޔައީ ބައި އަޅަން ޖެހުނީމާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހެނދުނު ހދ. ނޮޅިވަރަންފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެމަނިކުފާނުގެ އެކައުންޓަށް ފައިސާ ނުވަންނާނެ ކަމަށެވެ.
"އަޅުގަނޑުގެ އެކައުންޓަށް ފައިސާއެއް ވަދެފައެއް ނުވާނެ. ކުރިން ވެސް އަދި ދެން ވެސް ފައިސާއެއް ނުވަންނާނެ. މިދިޔަ ސަރުކާރުގައި ކަންތައްތައް ނުކުރެވި ލަސްވެގެންދިޔަ ސަބަބަކީ އެއީ. ވެރިންނަށް ބައި އަޅަން ޖެހޭތީ. މަޝްރޫއުތަކުގެ އަގުބޮޑުވެގެންދިޔަ ސަބަބަކީ ވެސް އެއީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ދެފުށް ފެންނަ ގޮތަކަށް މަޝްރޫއުތައް ކުރިއަށްގެންދިއުން ކަމަށާއި މި ދައުރުގައި ވެސް މަސައްކަތްތައް ކުރިއަށްގެންދިޔައީ އެގޮތަށް ކަމަށެވެ. އަދި މިހާރު ރަށްރަށުން ފެންނަ މަންޒަރަކީ ކުރީ ސަރުކާރުގައި ކުރިމަތިލާން ޖެހުނު ބިރުވެރިކަމާއި ނާމާންކަމާ ކުރިމަތިލާން ބޭނުން ނުވާ މަންޒަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑަށް ކޮންމެ ރަށަކުން ވެސް ފެންނަނީ އަނިޔާވެރިކަމާ ދެކޮޅަށް ތިބިތަން، ފެންނަނީ ހެޔޮ ބަދަލު، ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާންކަން. ފެންނަނީ އެއް ބުރުން އިންތިހާބު ކާމިޔާބުވާ ތަން. ކޮންމެ ރަށަކުން ވެސް ފެންނަނީ ސިޔާސީ ހަމަޖެހުމުގެ ފައިދާ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ކުރިއަށް އޮތް ދައުރަށް ނޮޅިވަރަންފަރަށް ވެސް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން މަގުތަކުގައި ތާރު އަޅައި މަގުތައް ހެދުމާއި، ނެރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމާއި، ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، ސިއްހީ މަރުކަޒުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމާއި، ޒުވާނުންގެ މަރުކަޒު ހެދުން އަދި ޓާފް ފުޓުބޯޅަ ދަނޑެއް ހެދުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު