މި ސަރުކާރާއި ޗައިނާއާއެކު އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށާއި މިހާރުވެސް އެގައުމުން ގިނަ އެހީތަކެއް ލިބެމުން އަންނަ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ އާއި ޕީއެސްއެމް ގުޅިގެން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި "ސަންގު ބަހުސް"ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު މިހާރުވެސް ބައްޓަން ކޮށްފައި އޮތީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް އަދި ތިމާވެށި ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ކަމަށާއި އެކަމަށް މަސައްކަތް ކުރާ ހުރިހާ ގައުމަކާއެކުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
އެގޮތުން މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 180 އަށްވުރެ ގިނަ ގައުމާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށް 80 އަށްވުރެ ގިނަ ގައުމަށް ވިސާއާ ނުލާ ދަތުރު ކުރެވެން ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި ގުޅުން ކަނޑާލާފައި އޮތް އަރަބި ގައުމުތަކާ އަލުން ގުޅުން ގާއިމުކޮށް، ކޮމަންވެލްތަށް އަލުން ރުޖޫއަވެ، ޔޫރަޕިއަން ޔޫނިއަން އާއެކު ވަރަށް ގާތް ގުޅުމެއް ގާއިމުކުރެވިފައިވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތަކީ އިސް އުފުލޭ ހާރިޖީ ސިޔާސަތެއްގެ ގޮތުގައި އޮންނާނެ. ބަސް ކިޔާނެ ބަޔަކީ އަޅުގަނޑުމެން. ރާއްޖެއަށް އެންމެ ފައިދާ ކުރާ ގޮތަށް އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު މިހާރުވެސް ބައްޓަން ކުރެވިފައި އޮތީ، ކުރިއަށް އޮތް ތަނުގައިވެސް އެކަން ކުރެވިގެންދާނީ އެގޮތަށް،" ރައީސް ވިދާޅުވިއެވެ.
ޗައިނާއަކީ އިތުބާރު ހިފޭ ގައުމެއް ނަމަވެސް މި ސަރުކާރުން ޗައިނާ އެކަހެރި ކޮށްލާފައިވާ ކަމަށް ބުނެ މޮޑަރޭޓަރު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ޗައިނާ އާއެކު އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށާއި އެ ގައުމުން މިހާރުވެސް ވަރަށް ގިނަ އެހީތައް ރާއްޖެއަށް ލިބެމުން އަންނަ ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އައްޑޫ ހަންކެޑެ މަޝްރޫއު ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައި އޮތުމެވެ.
"އަޅުގަނޑުމެންގެ ސިޔާސަތަކީ އިންޑިއާ ފަސްޓް، ވަން ޗައިނާ ޕޮލިސީ. އެއީ ހެނދުނު ފުރައްސާރަކޮށް ހަވީރު ފިރުމާ ގޮތަށް އޮތް ސިޔާސަތެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު