އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނީ 56 ޕަސެންޓަށްވުރެ މަތިން ވޯޓު ހޯއްދަވައިގެން ކަމަށާއި މާލޭ ސިޓީ އަދި އައްޑޫ ސިޓީގެ މެޖޯރިޓީގެ ވެސް ބޮޑުތަނުން ނަންގަވާނެ އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އިތުރުވާ ކޮންމެ ދުވަހަކީ އެ 65 ޕަސަންޓު އިތުރުވާނެ ދުވަހެއް ކަމަށާއި އެކަމާ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

"މިއަދު މި ކެމްޕޭނުގައި އެ ބުނާ ޑޭޓާ ބަލާ ކުއްޖަކީ އަޅުގަނޑު. ތިޔަބޭފުޅުންނަށް ޔަގީންކަމާއި ކަށަވަރުކަމާއެކު މި ދަންނަވަނީ 56 ޕަސަންޓަށްވުރެ އެންމެ ވޯޓަކުން ވެސް އަޅުގަނޑުމެން ތިރިއެއް ނުވާނެކަން، 56 ޕަސަންޓަށްވުރެ އެންމެ ވޯޓެއް ވެސް މަދެއް ނުވާނެ. ވަރަށް ޔަގީންކަމާއެކު މި ދަންނަވަނީ ތިޔަބޭފުޅުން އަޅުގަނޑު ހޮވީ މި ޕާޓީ ހިންގާލަންށޭ. އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު ނުވައެއްގައި އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބުކުރާނީ ބޮޑުކޮށް. އަދި ހާއްސަކޮށް އައްޑޫ އާއި މާލޭގެ ބޮޑު މެޖޯރިޓީއާ އެއްކޮށް،" މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އިންތިހާބު މިހާރު ނިމިއްޖެ ކަމަށާއި ވޯޓުލާން ހައްގުވާ މީހުންގެ ފަސް ޕަސަންޓް ޖަލްސާއަށް ވެސް އައިސްފައިވާ ކަމަށެވެ. އަދި ފެންނަމުންދާ މަންޒަރަކީ ބޮޑުތަނުން ވާދަވެރިން ދަށްވެގެންދާ މަންޒަރު ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލައިލަން އެބަޖެހޭ އެހެން އެ ވާންޖެހޭ ސަބަބަކީ ކޮބައިތޯ. އެހެން ބޭފުޅުން ފާހަގަކުރެއްވި ފަދައިން މިއަދު ރައްޔިތުން ބޭނުންވަނީ މި ގައުމުގައި ޒަމާނުއްސުރެ އުފެދިފައިވާ އަނިޔާވެރިކަން ހަތިމުކުރަން. އެކަން ކުރެވޭނީ ކުރިއަށްއޮތް ފަސް އަހަރުގައި އަޅުގަނޑުމެންގެ މި ކޯލިޝަންގެ ވެރިކަން މި ގައުމުގައި ހިނގައިގެން. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން އަޅުގަނޑުމެންގެ ޒުވާނުންނާއި އަޅުގަނޑުމެންގެ އަންހެން ބޭކަަލުންނާއި އަޅުގަނޑުމެންގެ ހާއްސަކޮށް އަންހެން ދަރިން ގެއަށް ވައްދައި، ފޮރުވައި މުޖުތަމައުން އެކަހެރިކުރާކަށް،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ އަފްޣާނިސްތާނުގައި ހިނގާ ކަންކަން ރާއްޖެއިން ފެންނަ ބޭނުންނުވާ ކަމަށާއި އެކަމާ ޒުވާނުންނާއި އަންހެނުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އަދި އެއީ ބިރުވެރިކަން އޮތީމަ ދައްކަވާ ވާހަކައެއް ކަމަށް ވިދާޅުވިއެވެ.