ލިވަޕޫލްގެ މުހައްމަދު ސަލާހް ހޯދަން ސައުދީ އަރަބިއާގެ އަލް-އިއްތިހާދުން ކުރި ބޮޑު ބިޑަކަށް ލިވަޕޫލުން ނޫނެކޭ ބުނެފިއެވެ.
އުމުރުން 31 އަހަރުގެ ސަލާހު ހޯދަން ސައުދީގެ އަލް-އިއްތިހާދުން ވަނީ މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން މަސައްކަތް ކޮށްފައެވެ. އެގޮތުން ފުރަތަމަ ފަހަރުވެސް 52 މިލިއަން ޕައުންޑްގެ ބިޑެއް ލިވަޕޫލަށް ހުށަހަޅައިފައިވާ އިރު، ސަލާހަށް އިއްތިހާދުން ހުށަހެޅި އެއްބަސްވުމުގައިވާ ގޮތުން، ދެ އަހަރުން އޭނާއަށް 155 މިލިއަން ޕައުންޑުގެ މުސާރައެއް ޖެހެއެވެ.
ޔޫރަޕްގެ ޓްރާންސްފާ މާކެޓް ރޭ ބަންދުވިއިރު އިރު، ޑެޑްލައިން ޑޭގެ ޓްރާންސްފާތަކަށް ކްލަބުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޔޫރަޕްގެ ޓްރާންސްފާ ސީޒަން ރޭ ބަންދުވި ނަމަވެސް، ސައުދީ ލީގުގެ ކްލަބުތަކަށް ޓްރާންސްފާ މާކެޓް ބަންދުވާނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. އެހެންކަމުން ސަލާހް ގެންގޮސްފިނަމަ، އޭނާ ނެތްތަން ފޫބައްދާނެ ކުޅުންތެރިއެއް ހޯދުމަކީ ލިވަޕޫލަށް އުނދަގޫ ކަމަކަށްވާނެއެވެ.
ސައުދީގެ އަލް-އިއްތިހާދުން މިހާރުވެސް ދަނީ ސަލާހް ހޯދަން މަސައްކަތް ކުރަމުންނެވެ. ސައުދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ސަލާހް ވަނީ އިއްތިހާދުވެސް ހުށަހެޅުން ގަބޫލުކޮށްފައެވެ. އެހެން ނަމަވެސް ލިވަޕޫލުން އޭނާ ވިއްކަން އެއްވެސް ގޮތަކަށް ބޭނުން ނުވާ ކަމަށް ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. އެންމެފަހުން އިއްތިހާދުން ހުށަހެޅި 150 މިލިއަން ޕައުންޑްގެ ބިޑަށްވެސް ލިވަޕޫލުން ވަނީ ނޫނެކޭ ބުނެފައެވެ.
ސަލާހްގެ ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޖާގަން ކްލޮޕް ބުނީ ސަލާހް ސައުދީއަށް ނުދާނެ ކަމަށް ބުނެފައެވެ. ލިވަޕޫލުން ލީގުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވާހަކަދައްކަމުން ކްލޮޕް ބުނީ ސަލާހް ހުރީ "100 ޕަސެންޓް" ލިވަޕޫލަށް ވަފާތެރިކޮށް ކަމަށެވެ.
ބޮޑު މުސާރައެއް އިއްތިހާދުން ހުށަހެޅި ނަމަވެސް، ސަލާހް ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުމަށް އިހުތިރާމް ކުރާނެ ކަމަށް މީގެ ކުރިން އެޖެންޓް ވަނީ ސޯޝަލް މީޑިއާގައި ޔަގީންކޮށްދީފައެވެ. ސަލާހް މިދިޔަ ހޫނު މޫސުމުގައި ލިވަޕޫލްގެ އެއްބަސްވުން އާކޮށްފައިވަނީ އިތުރު ތިން އަހަރަށެވެ. މިދިޔަ އަހަރު އާކުރި އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
އެ މުއްދަތުގައި ސަލާހް ވަނީ ޕްރިމިއާ ލީގުގެ ތިން ރަން ބޫޓު ހޯދައި، ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ދެ ފަހަރު ހޯދައިފައެވެ.